ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު މާޒިޔާ ސިއްސުވާލާ އެޓީމު ބަލިކޮށް، ކްލަބް ގްރީން ސްޓްރީޓްސް އިން މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.

އެންމެފަހުގެ ފުޓުބޯޅަ ސީޒަނުގެ ލީގު ޗެމްޕިއަން އަދި މި ސީޒަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވާ މާޒިޔާއިން މި މެޗަށް ނުކުތްއިރު، މިމެޗުން މޮޅުވެގެން، ބާކީ އެއްމެޗު އޮއްވާ މާޒިޔާއަށް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އޮތެވެ. މިއީ މިސީޒަނުގެ ޗެރިޓީ ޝީލްޑްވެސް ކާމިޔާބު ކޮށްފައިވާ މާޒިޔާ ބަލިވި ފުރަތަމަ މެޗެވެ.

މިއަދުގެ މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ޕްރެޒިޑެންޓްސް ކަޕް ލީގު ބުރުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަދި ތިން ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

ގްރީން ސްޓްރީޓްސް އާއި މާޒިޔާ ހަ މެޗު ކުުޅުނުއިރު، ވެލެންސިއާ ކުޅުނީ ފަސް މެޗެވެ. ވެލެންސިއާ އިން މިރޭ ކްލަބް އީގަލްސް ބަލިކޮށް، އެއް ވަނަ އަށް އެރޭނެ އެވެ. އެކަމަކު، ވެލެންސިއާ އަށްވެސް ފައިނަލުގެ ޖާގަ ހޯދޭނީ ފަހު މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. އެހެންކަމުން ފަހު މެޗުގައި ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރާ މެޗަކީ ފައިނަލްގެ ކުރިން ކުޅޭ ފައިނަލެއްގެ ގޮތުގައި ބެލެވޭނެއެވެ.

ގްރީން ސްޓްރީޓްސް ފަހު މެޗުގައި ކުޅޭނީ އީގަލްސްއާ އެވެ. އެ މެޗުން މޮޅުވެގެން ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ފަހަރަށް ފައިނަލުގެ ޖާގަ ޔަގީންކުރެވޭނެ އެވެ.

ފައިނަލަށް ދިއުމުގެ ބޮޑު އުންމީދެއްގައި މެޗާއި ކުރިމަތިލި މާޒިޔާ މާޔޫސްކޮށްލައި ގްރީން އިން މިމެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅު މޮޅަށްކުޅުނީ މާޒިޔާއިންނެވެ. އެޓޭކިންގ ވިސްނުމެއްގައި އަވަހަށް ލަނޑެއް ޖެހުމުގެ އަޒުމުގައި ކުޅެމުންދިޔަ މާޒިޔާއިން ވަނީ މެޗުގެ ކުރީކޮޅު، ފުލުފުލުގައި ރަނގަޅު ދެހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނިޓްގައި މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ދިން ބޯޅައަކުން އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ބޯޅަ އަމާޒުވީ ކީޕަރު ސާގިބްގެ އަތަށެވެ. އޭގެ މިނިޓެއް ފަހުން އޭރިއާ ރޮނގުކައިިރިން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ބޯޅަ ގޯލަށް ވަނުމަށް ހުރަހަކަށްވީވެސް ގްރީން ސްޓްރީޓްސްގެ ކީޕަރު ސާގިބް އެވެ.

މަޑުމަޑުން ގޭމްގެ ތެރެއަށްވަދެ ގްރީން އިން މެޗުގެ ކުޅުން، ހަމަހަމަ ކުޅުމަކަށް ބަދަލުކުރިއިރު އެޓީމުން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ. މިއީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ހަސަން ނަޒީމް (ޗޯޓު) ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފު ފަށައިގެން މޮޅަށް ކުޅުނީ ގްރީން އެވެ. ނަތީޖާއަކަށްވީ މިހާފު ފަށައިގެން ފަސް މިނެޓުގެ ތެރޭގައި އިތުރު ލަނޑެއްޖަހާ އެޓީމުން ލީޑުފުޅާކުރުމެވެ. މިއީ މުނޯޒް ނެގި ހުރަހަކުން އަލީ ޝާމިއު (މައިތޯ) ކާމިޔާބުކުރި ލަނޑެކެވެ.

މުބާރާތުގައި މިރޭ ނުކުންނާނީ ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސް އެވެ. އަދި މާދަމާ ހަވީރުގެ މެޗުގައި ޑަ ގްރާންޑޭ އާއި ދެކޮޅަށް ޓީސީ ސްޕޯޓްސް ކުލަބު ނުކުންނައިރު މާދަމާރޭގެ މެޗުގައި ފެނިގެންދާނީ ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކުރިމަތިލުމެކެވެ.