މަޑުކުރުމަށް ފުލުހުން އެންގި އެންގުމަށް އަމަލުނުކޮށް ފިލަން ދުއްވި ސައިކަލެއް، ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުން ކޮންޓްރޯލް ނުވެގޮސް މުލިއާގެ ފާރުގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ މަޖީދީ މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑު ކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑްގައި އަލިކަލޭގެ ފާނު މަގުން ދަނިކޮށް ކޮންޓްރޯލް ނުވެ ގޮސް މުލިއާގެ ފާރުގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

މިއަދު ހަވީރު 16:30 ހާއިރު އެކްސިޑެންޓް ހިނގާފައިވާއިރު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަދި އެކްސިޑެންޓްވި ސައިކަލުގައި އަޅުވާފައި އިން ކޮތަޅެއްގެ ތެރެއިން ބަނގުރާފުޅިތަކެއް ފެނިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ބަންގްލަދޭޝް ފިރިހެނަކަށެވެ.

އޭނާއަށް ވެފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަން އަދި ސާފުވެފައިނުވާއިރު، ފުލުހުން ބުނީ މިހާރު މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.