ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ގައުމީ ވެކްސިން ޕްރޮގްރާމުގެ ދަށުން ތިންވަނަ ޑޯޒް (ބޫސްޓަރޑޯޒް) އަންނަ ހޮނިހިރު ދުވަހުން ފެށިގެން، އާންމުކޮށް ޖަހަން ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އެޗްޕީއޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ނިންމާފައިވަނީ ދެ ވަނަ ޑޯޒް ޖެހިތާ ހަ މަސްވެފައިވާ މީހުންނަށް ކަމަށެވެ.
އެގޮތުން ކޮވިޑްގެ ވެކްސިނަށް ކަނޑައަޅާފައިވާ ޑޯޒްތައް ފުރިހަމަކޮށް، ހަ މަސް ފުރިފައިވާ 18 އަހަރުން މަތީގެ ހުރިހާ މީހުންނަށްވެސް ބޫސްޓާ ޑޯޒެއްގެ ގޮތުގައި ފައިޒާ ވެކްސިން އަންނަ ހޮނިހިރުން ފެށިިގެން ޖަހައިދެވޭނެ ކަމަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މާލެ ސަރަހައްދުގައި ބޫސްޓް ޑޯޒް ޖަހަން ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް އުސޫލުންކަމަށާއި އެހެން ކަމުން ވެކްސިން ޖެހުމަށް book.hpa.gov.mv އެޕޮއިންޓްމަން ހެދުމަށް އެދޭކަމަށެވެ.
ވެކްސިން ޖަހަން ދާ މީހުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުމާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމާއި، ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމަށްވެސް އެޗްޕީއޭން ވަނީ އެދިފައެވެ.
ރާއްޖޭގައި އާންމުކޮށް ވެކްސިންގެ ބޫސްޓާ ޑޯޒް ދޭން ތައްޔާރުވަމުން ދާއިރު ކޮވިޑަށް ޕޮޒިޓްވް ވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮއްސައެވެ.
މިހާރު ރާއްޖޭގައި ޕޮޒިޓިވްވާ އަދަދުތައް މައްޗަށް ގޮސްފައިމިވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓާއި ގުޅިގެންނެވެ.
މި ވޭރިއެންޓް މިހާރު މާލެއާއި ބައެއް އަތޮޅުތަކުންވެސް ފެނިފައިވާއިރު، މާލޭގައި ޓެސްޓު ކުރުމަށް ނެގޭ ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ވާ އަދަދު ވަނީ 500އިން މައްޗަށް ގޮސްފައެވެ.
ބޫސްޓަރ ޑޯޒް ޖަހަން ފެށުމަށް ފައިޒަރ ވެކްސިންގެ 100،620 ޑޯޒުގެ ޝިޕްމެންޓެއް މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ.
ރާއްޖޭގައި މިހާތަނަށް ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައި ވަނީ 368،465 މީހެކެވެ.
ރާއްޖޭގައި މިހާތަނަށް ބޫސްޓަރ ޑޯޒް 28،085 މީހަކަށް ޖަހާފައިވެއެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ. އެކަމާއި ގުޅިގެން ސަރުކާރުން ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ. މިގޮތުން ރާއްޖޭގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި މާލެއިން ރަށްރަށަށް ދަތުުރުކުރާއިރު ޕީސީއާރު ޓެސްޓެއް ހެދުން ވަނީ މަޖުބޫރުކޮށްފައެވެ.