ރާއްޖެއިން 816 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެ، ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ފަތުއަޑު ކިޔާފައި މަތިވާން ފަށާ ނުރައްކަލުގެ ރަތްބޮކި ދިއްލިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ބުދަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 6:00ގެ ނިޔަލަށް، ޓެސްޓު ކުރެވުނީ 7،005 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓީވްވީ 816 ސާމްޕަލް ކަމަށެވެ.

ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 413 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 249 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 92 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ. އަދި 15 މީހުންނަކީ ރާއްޖެއިން ބޭރުން ރާއްޖެއައި މީހުންނެވެ.

އަލަށް ޕޮޒިޓިވްވި 816 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 100،451 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 354 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 95،056 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދަދުތަކާއިއެކު މާލޭ ސަރަހައްދުން މިހާރު ޕޮޒިޓިވިޓީ ރޭޓް 12 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 5،118 ގައެވެ. މީގެތެރެއިން 25 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 264 މީހުން މަރުވެފައިވެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާއިރު، އެޗްޕިއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. މީގެއިތުރުން، ރާއްޖޭގައިވެސް ހަލުވިކަމާއެކު އޮމިކްރޮން ވޭރިއަންޓު ފެތުރެމުންދާކަން ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ކޮވިޑްގެ އަދަދުތައް އިތުރުވުމާއިގުޅިގެން މިހާރު ދެމުން އަންނަ ބޫސްޓަރ ޑޯޒުވެސް އާއްމުކޮށް ހުޅުވާލައި 18 އިން މަތީގެ މީހުންނަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖަހަން ފަށާގޮތަށް ވަނީ ހަމަޖައްސާފައެވެ.