އައްޑޫ ސިޓީގައި ރެސިޑެންޝަލް ހައުސިންގް ޔުނިޓް އެޅުމަށް އައްޑޫސިޓީ ކައުންސިލް އާއި ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

17 ފަންގިފީލާ ހިމެނޭ ގޮތަށް ހަދާ މި ރެސިޑެންޝަލް ހައުސިން ޔުނިޓްގެ އެއްބަސްވުމުގެ ދަށުން އައްޑޫގައި ދުވަސްވެފަ ހުރި ފަޅުގޯތި ތަކުގައި ގެ ނޭޅި ހުރި މައްސަލައަަށް ހައްލު ލިބިގެންދާނެ ކަމަށް އައްޑޫ މޭޔަރ ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ގެތައް ހުންނާނެ ގޮތުގެ މޮޑެލް ތަކާއި ބޭނުންކުރާނެ މެޓީރިއަލް ފަދަ ހުރިހާ މައުލޫމާތުތަކެއް މިހާރު ލިބިފައިވާ ކަމަށާއި ވަރަށް އަވަހަށް މި މަސައްކަތް ފެށި ރައްޔިތުންނަށް އޭގެ ފައިދާ ކުރަން ފަށާނެ ކަމަށެވެ.

އަދި މީގެ އިތުރުން ނިޒާރު ވިދާޅުވީ ތުރުކީ ކުންފުނީގެ މައިގަނޑު މަސައްކަތަކަށް ވާނީ އައްްޑޫގައި މީހުން ދިރިއުޅެން ދޫކޮށްފައިވާ އެކަމަކު ތަފާތު ސަބަބުތައް މެދުވެރިވެގެން އަދި ދިރިނޫޅޭ ގޯތިތަކުގައި އިމާރާތްތަކެއް އެޅުން ކަމަށެވެ. އެގޮތަށް ހުރި ގޯތިތަކުގެ ވެރިންނާ ތުރުކީ ކުންފުންޏާ އެކު ވެވޭ އެއްބަސްވުންތަކަށް ފަހު ގިނަ ވެގެން ތިން މަސް ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި މަސައްކަތް ކުރިއަށް ދާނީ ވިޒްޔޮން އާއި ކައުންސިލާއެކު ވެވޭ އެއްބަސްވުމުގެ ދަށުން އަދި ކައުންސިލާއި ގެ އެޅުމަށް އެއްބަސްވެވޭ ފަރާތާއެކުވެސް އެއްބަސްވުމެއް އޮވެގެން އޭގެ ދަށުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިޒްޔޮންގެ ފަރާތުން ބުނީ އައްޑޫއަކީ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވުމާއި އަދި ލޯކަލް އައިލެންޑެއްގައި މިފަދަ މަސައްކަތެއް ފެށުމަށް ބަލާއިރު އައްޑޫއަކީ އެންމެ ރަނގަޅު ތަން ކަމަށެވެ.

މި މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމަންޓް އަންނަ ފެބުރުއަރީ މަހުގެ ކުރީކޮޅު އައްޑޫއަށް ގެނެވޭނެ ކަމަށާއި ގެތައް އެޅުމަށް ނިންމާފައިވަނީ ރާއްޖޭގެ މާހައުލާއި ގުޅޭ ގިނަ ދުވަހަށް ބޭނުންވެވޭ ރަނގަޅުފެންވަރުގެ މެޓީރިއަލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ތައްޔާރު ކުރެވޭ މި ގެތަކަކީ 50 އަހަރަށް ވުރެ ދިގު މުއްދަތަށް މައްސަލައެއް ދިމާނުވެ ބޭނުންކުރެވޭނެ ފެންވަރުގައި ހަދާ ތަންތަން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވިއެވެ.