އެމްޓީސީސީން އެކަނި ކުރި މަސައްކަތުން އަތޮޅުތެރޭގެ ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތައް ކޮށްދީފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ނުހިންގޭހާ ގިނަ މަޝްރޫއު މިސަރުކާރުން ހިންގަމުންދާ ކަމަށެވެ. އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، އަސާސީ ހައްގުތަކުން ދިވެހި ރައްޔިތުން މަހުރޫމްވެފައިވާއިރު، އެކަން ކަށަވަރު ކޮށްދެއްވުމަށް މިވީ 3 އަހަރު ކުރެވުނު މަސައްކަތުން އެތައް ރަށެއްގެ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވާފައިވާ ކަމަށެވެ.
އެމްޓީސީސީން އެކަނިކުރި މަސައްކަތުން އަތޮޅުތެރޭގެ އެތައް ރަށެއްގައި ރައްޔިތުންނަށް ބޭނުންވާ އެތައް މަސައްކަތެއް ކުރެވިފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް 35 ބަނދަރެއްގެ މަސައްކަތް ކުރެވޭއިރު، ޕެންޑަމިކްގެ ތެރޭގައި 25 ބަނދަރު ނިންމައި، އެއާޕޯޓެއްގެ މަސައްކަތް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިހާރު 2 އެއާޕޯޓެއްގެ މަސައްކަތް ހިނގަމުންދާއިރު، އެތައް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ސަރުކާރަކީ އިންތިހާބުތަކަށް އެކަނި، ފޮޅޭ މަލެއް ނޫންކަމަށާއި، ސަރުކާރުގެ ތަރައްގީގެ މަސައްކަތް އިންތިހާބެއް އައުމަކުން މަޑު ޖައްސާލައިގެން ތިބެވެން ނެތް ކަމުގައިވެސް ވިދާޅުވިއެވެ.
މިވީ ތިން އަހަރަކީ ކޮވިޑްގެ ބަލި މަޑުކަމާއިއެކުވެސް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކުޑަވެސް މަޑުޖެހުމެއް އައި ތިން އަހަރު ނޫންކަމަށާއި، ކުރިއަށް އޮތް ދުވަސްތަކަކީ މިމަސައްކަތް އިތުރަށް ހަރުދަނާކުރެވި ނަތީޖާ ނެރެވިގެންދާނެ ދުވަސްތަކެއްކަމަށްވެސް އާޒިމް ވިދާޅުވިއެވެ.