ތިލަފުއްޓަށް ވަޑައިގެން ސަރުކާރުން ހިންގާ ވޭސްޓް މެނޭޖްމަންޓުގެ ބޮޑު ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވައިލައްވައިފިއެވެ.

މިޒިޔާރަތުގައި ރައީސް ވަނީ ކުނި މެނޭޖް ކުރުމަށް ގާއިމަކުރާ ޒަމާނީ ކުނި ނައްތާލުމުގެ ނިޒާމު ގާއިމްކުރާ ސައިޓް ބައްލައިވާއްވައި މަސައްކަތް ވަސްކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އާއި ވޭސްޓް ވެމްކޯއާ ގުޅިގެން އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ފަންނީ ލަފަޔާއި އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް އާއި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމްގެ އެހީވެސް އެ މަޝްރޫއަށް ލިބޭނެއެވެ.

އެ މަސައްކަތުގެ ދަށުން ތިލަފުށީގައި ކުނި މެނޭޖު ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކޮށް އަދި ކުނި ނައްތާލުމުގެ ނިޒާމުވެސް ޒަމާނީ ކުރަންވަނީ ނިންމާފައެވެ.

ވޭސްޓް މެނޭޖްމަންޓުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބެއްލެވިއިރު ކުނި ނައްތައިލުމަށް ކުރިން ކުރިހާވެސް ކަމަކީ ކުނި އެންދުން ކަމަށް ރައީސް ވަނީ ކުނި ނައްތާލުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު، ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުުމުގެ ސިޔާސަތު މި ސަރުކާރުން ބައްޓަން ކޮށްފައިވަނީ ހަމައެކަނި މާލޭ ސަރަހައްދަށް އިސްކަންދީގެން އެކަނި ނޫން ކަމަށާއި އަދި މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓުތަކާއި ގެސްޓު ހައުސްތަކެއްގެ އިތުރުން ހުރިހާ ރަށެއްގެ ކުނި ރައްކާތެރި ގޮތުގައި ނައްތާލައި ތިމާވެށި އަލުން ދިރުވާ އާލާކުރުމަށް އެލުލަވާލައިފައިވާ ސިޔާސަތެއް ކަމަށްވެސް ރައީސް ވަނީ އެ ދުވަހު ވިދާޅުވެފައެވެ.

އަދި މާލެއާއި ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި ޖަމާކުރާ ތަނަކަށް ވެފައި އޮތީ، މީގެ ތިރީހަކަށް އަހަރު ކުރިން ފެށިގެން ކުނިއަޅަމުން އަންނަ ފަޅު ކުނިތަކުން ހިކިގެން އުފެދިފައިވާ މިހާރުގެ ތިލަފުށި ކަމަށާއި އަދި އޭރު ކުނި ނައްތައިލުމަށް ކުރިހާވެސް ކަމަކީ ކުނި އެންދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދަތުރުގައި މިނިސްޓަރ އައިމިނަތު ޝައުނާއާއި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް އާއި ވެމްކޯ އެމްޑީ އާދަމް މުހައްމަދުގެ އިތުރުން މިނިސްޓްރީގެ ވޭސްޓް މެނެޖްމަންޓް ޑިޕާޓްމެންޓެގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.