ދިރާގު "މައިއެކައުންޓް" ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

ދިރާގުން މިކަމަށް އިލްތިމާސްކުރީ ރާއްޖޭގައި ކޮވިޑް-19ގެ އިތުރު ވޭރިއަންޓުތައް ހަލުވިކަމާއެކު ފެތުރެމުންދާ މިދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގޭގައި ތިބެގެން ފަސޭހަކަމާއިއެކު ދިރާގުގެ ޚިދުމަތްތައް ހޯދެއްވުމަށެވެ.

އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ޚިދުމަތައް އެޕްލައިކޮށް، އަދި ދިރާގުގެ އެކި ޚިދުމަތަތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރުތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް "މައިއެކައުންޓް" ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ.

އަދި ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބިލް ދެއްކުމާއި އެޑް-އޮންސް އަދި ބޫސްޓަރސް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލުން ފަދަ ގިނަ ކަންތައްތައް ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން މުޅިން އަލައް ދިރާގުގެ ޚިދުމަތަކަށް އެދި ކަސްޓަމަރުން [email protected] އަށް އީމައިލް ކުރުމުން ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ.

ދިރާގުގެ "މައިއެކައުންޓް" ޚިދުމަތައް މިހާތަނަށް ރެޖިސްޓަރ ކޮށްފައިނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރެޖިސްޓަރަ ކުރެވޭއިރު އެއްވެސް އިތުރު މައުލޫމާތެއް ބޭނުންނަމަ ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖަރ، ވައިބަރ ނުވަރަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާ މިދަނޑިވަޅުގައި ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައްއަޅާ އެޗް.ޕީ.އޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުންވެސް އަމަލު ކުރުމަށެވެ.