ފުވައްމުލަކު ސިޓީގައި މަސްވެރިންނަށް މަސް ކިރުވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން، މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ ޑޮކްޓަރ ހުސައން ރަޝީދު ހަސަން އާއި މިފްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގު، އަދި ކައުންސިލް މެންބަރުންނާއި ސެކެޓްރީ ޖެނެރަލް ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެދުދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގައި މަސްވެރިކަން އިތުރަށް ތަރައްގީކޮށް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އަދި އެ ކައުންސިލުން ވަނީ، ފުވައްމުލައް ސިޓީއަށް މަސްގަނެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި މަސްވެރިންނަށް މަސް ކިރުވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން ކަނދުފަތިއެޅުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އެ ސިޓީގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް، ގިނަ މަސައްކަތްތަކެއް ކުރިއަށް ދާއިރު އެ ކައުންސިލުން ވަނީ ފުވައްމުލައް ސިޓީގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށްވެސް މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދާފައެވެ.