މާފުށީ ޖަލުގައި ކޮވިޑްގެ ހާލަތު ގޯސްވެ، ކުއްލި ހާލަތަށް ގެނައުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ނިންމައިފިއެވެ.

މާފުށީ ޖަލުގެ ބައެއް އޮފިސަރުންނާއި ގައިދީން ކޮވިޑް-19އަށް ޕޮޒިޓީވް ވުމާއި ގުޅިގެން ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާފުށީ ޖަލުގައި ކޮވިޑްގެ އަލާމާތް ހުރި އޮފިސަރުންނާއި ގައިދީންގެ ނެގި ސާމްޕަލްތަކުގެ ތެރެއިން 7 އޮފިސަރުންނާއި 4 ގައިދީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެހެންކަމުން މި ހާލަތާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި މިއަދު ހަވީރު 4 އިން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، މާފުށީ ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުމީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުންތަކުގެ އިތުރުން ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އަނެއްކާވެސް އިތުރަށް ގޯސްވެފައިވާއިރު، އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން 413 މީހަކާއެކު ޖުމްލަ 816 މީހުން ވަނީ ބައްޔަށް ޕއޮޒިޓީވްވެފައެވެ. އެޗްޕީއޭއިންވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުދަގަކޮށް، ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ އެއްލައްކައިން މައްޗަށް އަރާފައެވެ.