މާލޭ ސިޓީގެ މިސްކިތްތަކުގެ މަރާމާތަށް ފައިސާ ހޯދުމަށް ބާއްވަން ނިންމި ހަރަކާތް ކުރިއަށް ނުގެންދެވިގެން އުޅެނީ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މިސްކިތްތައް މަރާމާތުކުރުމަށް އެހީތެރިކަން ދޭން ބޭނުންވާ ރައްޔިތުންގެ ފަރާތުން ފަންޑު ހޯދުމަށް ބާއްވަން ނިންމި ޓެލެތޯން ފަސްކޮށްލަން ޖެހުނީ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.

އެގޮތުން ޓެލެތޯނަށް ޚާއްސަކޮށްގެން ބޭންކު އެކައުންޓެއް ހުޅުވުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދައަށް އެދުމުން އެކަން ހަމަޖައްސައި ނުދިންކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ އެކަމަށް ޚާއްސަކޮށް ބޭންކް އޮފް މޯލްޑިވްސްގައި ސިޓީ ކައުންސިލުގެ ވަކި އެކައުންޓެއް ހުޅުވުމަށް އެދުނީ އެ އެކައުންޓު މެދުވެރިކޮށް މިސްކިތްތައް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައްޔިތުންނަށް ފަސޭހަވާނެތީ ކަމަށެވެ.

އެގޮތުން މިކަމަށް ލިބޭ ފައިސާ ޖަމާކޮށް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ މިސްކިތްތަކަށް ހޭދަކޮށް ނިންމާގޮތަށް ހަމަސް ދުވަހަށް ނަމަވެސް ވަގުތީ އެކައުންޓެއް ހުޅުވުމަށް އެދުމުން ވެސް ސަރުކާރުން އެކަން ހަމަޖައްސައި ނުދިން ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މީގައި ވެސް އެބޭފުޅުން ނަންގަވަނީ ގާނޫނީ ޕޮއިންޓެއް. ކަމެއް ކުރަން ބޭނުން ނުވާނަމަ ޤާނޫނު ތެރެއިން ގޮތްގޮތް ހޯދާނެ. އެކަމަކު ގާނޫނުގައި މަނަލެއް ނުކުރޭ މާލޭ ސިޓީ ކައުންސިލަކަށް ބޭންކު އޮފް މޯލްޑިވްސްގައި އެކައުންޓު ހުޅުވުމެއް. އެހެންނަމަވެސް އެބޭފުޅުން އެއްގޮތަކަށް ވެސް އެކަމުގައި ދުލެއް ނުދެއްވި. ބަނޑޭރި ޕޯޓަލްގައި ޕޭކުރެވޭ ގޮތް ހަދައިދީފައި އެގޮތަށް ކުރިއަށްދާން އެބޭފުޅުން ހަމަޖެއްސެވީ. އެކަމަކު އެއީ އެހާ ފަސޭހަ ގޮތަކަށް ނުވާނެ. އެކައުންޓު ޓްރާންސްފަރ ހަދާހާ ފަސޭހައެއް ނުވާނެ. އޭގެ ސަބަބުން ލަސްކޮށްލާފައި މިވަނީ."
މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

ޑރ.މުޢިއްޒު ވިދާޅުވީ މިއީ ވަރަށް މާތް މަގްސަދެއްގައި ކުރުމަށް ނިންމި ކަމެއް ކަމަށާއި މާލޭގެ މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކުރި ނަމަވެސް ސަރުކާރުން ބަޖެޓެއް ނުދޭ ކަމަށެވެ.

އެކަމަށް ދީފައި އޮތީ އެއްމިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި ނަމަވެސް އެއީ މާލޭގައި ހުރި ހުރިހާ މިސްކިތްތައް ބެލެހެއްޓުމަށް އެއްގޮތަކަށް ވެސް އެކަށޭނަ ޢަދަދެއް ނޫން ކަމަށާއި މިސްކިތްތައް ދަނީ އިތުރުވަމުން ކަން މޭޔަރު ފާހަގަކުރެއްވިއެވެ.

އަދި މިކަމުގައި ވަގުފު ފަންޑުގެ އެހީއަށް ވެސް އެދުނު ކަމަށާއި ނަމަވެސް އިސްލާމިކް މިނިސްޓްރީން އެއްވެސް އެހީތެރިކަމެއް ނުދިން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ހުރިހާ މިސްކިތްތަކަށް މިނިސްޓްރީން އެހީވާން ޖެހޭތީ މާލޭ ސިޓީ ކައުންސިލަށް ވަކި އެހީތެރިކަމެއް ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް މާލެއަކީ އެންމެ ބޮޑު އާބާދީއެއް އޮތް ރަށަށް ވާއިރު އެ ނިސްބަތުން ބޮޑު އިންސައްތައެއް މާލެއަށް ލިބެންވާނެކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުން ސިޓީ ކައުންސިލަށް މެންބަރުން ހޮވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި އެހެންކަމުން ކޮންމެވެސް ގޮތްތަކެއް ހޯދާނެ ކަމަށެވެ.

މިސްކިތްތައް މާރާމާތުކޮށް އެ ތަންތަނަކީ ރައްކާތެރި ތަންތަނަށް ކައުންސިލުން ހަދާނެ ކަމަށެވެ. ސީސީޓީވީ ކެމެރާ ހަރުކޮށް މުޅި މާލޭގެ ރައްކާތެރިކަން ބެލެހެއްޓިގެން ދިއުމަކީ ސްޓްރެޓެޖިކް އެކަންޝަން ޕްލޭނުގައި ވެސް ހިމެނޭ ކަމެއް ކަމަށާއި އެގޮތުން އެންމެ ފުރަތަމަ މަރުޙާލާގައި މިސްކިތްތައް ރައްކާތެރިކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން 45 މިސްކިތުގެ އެތެރެއާއި ބޭރު ބެލެހެއްޓޭނެ ގޮތަށް ސީސީޓީވީ ކެމެރާ ނިޒާމު ޤާއިމުކުރުމަށް މިހާރު ވަނީ އިޢުލާން ކުރެވިފައިކަން ފާހަގަކުރެއްވިއެވެ.