ދިވެހި ފުލުހުންގެ ޚިދުމަތް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުންދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ، ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރުމަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިފަދައިން ވިދާޅުވީ، ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމިޝަނަރަ ވިދާޅުވީ ފުލުހުންނަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާއާއި ވާޖިބުތައް އެންމެ ރަނގަޅަށް އަދާކުރުމަށްޓަކައި ހެޔޮ ބަދަލުތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ގެންނަން ފެށިފައިވާކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ފުލުހުން މަސައްކަތްކުރާ ރަނގަޅު އޮނިގަނޑެއް އެކުލާލައި ރަށުގެ މުޖުތަމައުއާއި ކައުންސިލް އަދި އެހެނިހެން ރަށު ފެންވަރުގެ އިދާރާތަކާ އެކުއެކީގައި ކުށް މަދުކުރުމާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމުގެ މަސައްކަތް ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެއޮނިގަނޑު މަގުފަހިކޮށްދޭނެކަމަށް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ދިނުމުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތްތައް އިންތިޒާމްކުރުމާއި މުޖުތަމައުއާ އޮންނަ ގުޅުން ދެމެހެއްޓުމާއި ކޮމިއުނިޓީ ޕޮލިސިންގ ގެ ފަލްސަފާގެ މައްޗަށް ފުލުހުންގެ ހިދުމަތް ބިނާކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ރަށުގައި ހިނގާ ކުށްތަކާއި ރަށަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކާ ގުޅޭ ކަންބޮޑުވުމާއި ކުށުގެ ބިރުވެރިކަމުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމްވެ ތިބުން މުހިންމުކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، މަޑަވެލީގައި ފުލުުހުންގެ މަރުކަޒެއް ގާއިމްވެފައި ހުރުމުން ރައްޔިތުންނާ ގާއިމްކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު ރަށުގައި ތިބެގެން މަސައްކަތްތަކެއް ކުރެވިގެންދާކަމަށެވެ.

މީގެއިތުރުން، މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް، ހާއްސަކޮށް ދެކުނުގެ ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ބޮޑެތި ކުށްތަކަށް އަރައިގަތުމާއި އޭގެ ބޭނުންކުރުމާއި އެއާގުޅިގެން ތަފާތު ކުށްތަކަށް އަރައިގަންނަގަތުން އަހަރަކަށް ފަހު އަހަރެއް އިތުރުވަމުންދާ ކަމަށާއި، ޖަމާއަތް ހަދައިގެން ރާވައިގެން ހިންގާ ކުށްކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނާމެދު ހިންގާ ކުށްތަކާއި އަންހެނުންނަށް އަނިޔާވެރިވުމާއި ހަރުކަށި ފިކުރު ފެތުރުން ފަދަ މައްސަލަތަކަކީ ދިވެހި މުޖުތަމައުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، ފުލުހުން ކޮންމެ ދުވަހަކުވެސް އެކަންކަމަށް ސަމާލުވެ، އެ ނުރައްކާތަކުން ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އިސްކަންދީގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

މަޑަވެލީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.