އައްޑޫ ސިޓީގައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގައި އޮތް ރަސްމިއްޔާތެއްގައި މިމަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާ އެކުގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މޭޔަރ ނިޒާރު ވިދާޅުވީ އައްޑޫސިޓީ ކައުންސިލާ ހަވާލުވެގެން މަސައްކަތް ކުރެވުނު 7 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޝަކުވާ އައިސްފައިވަނީ ގެދޮރުވެރިކަމުގެ މައްސަލަތަކުގައި ކަމަށާއި މި މަޝްރޫއާއެކު ގިނަ ބަޔަކަށް ދިމާވެފައިވާ އެ މައްސަަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މޭޔަރ ވިދާޅުވީ ޗައިނާ ކުންފުންޏާ އެކު އަދި އެއްބަސްވުމެއް ހެދީ ސޯޝަލް ހައުސިން މަޝްރޫއު ކުރިއަށް ގެންދެވިދާނެ ގޮތްތަކެއް ހޯދަން ކަމަށްވާތީ ފްލެޓް އަޅާނެ އަދަދެއް އެނގޭނީ އެ މަސައްކަތް ނިމުމުން ކަމަށެވެ. ސޯޝަލް ހައުސިންގެ މަސައްކަތް އައްޑޫގައި ކުރިއަށް ގެންދާނީ ބީޔޫސީއެންޖީގެ ފަރާތުން ކަމަށާއި އެ ކުންފުނީގެ މަސައްކަތް ފެށޭނެ ސީދާ ދުވަހެއް އަދި މިވަގުތު ދަންނަވަން ދަތި ކަމަށެވެ.

އައްޑޫސިޓީ ކައުންސިލާ ހަވާލުވެ ލެއްވުމަށްފަހު މޭޔަރު ނިޒާރު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އައްޑޫ ސިޓީ ކައުންސިލްގެ މިދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށެވެ.

އައްޑޫގައި މަދުވެގެން 2،000 ފްލެޓް އެޅިއްޖެނަމަ ބޯހިޔާވަހިކަމުގެ މައްސަލައަށް މިވަގުތަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށްވެސް މޭޔަރ ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.