ރާއްޖޭގައި ކޮވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 100،000 އިން މައްޗަށް އަރައިފިއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑްގެ އިތުރު 816 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އަލަށް ފެނުނު ކޭސްތަކާއެކު ރާއްޖޭން މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 100،451 އަށް ވަނީ އަރާފައެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުން ދަތީ މިހާރު ވަނީ ކޮވިޑް ސާމްޕަލް ނެގުމަށް އިތުރު ސެންޓަރުތައް މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ގާއިމުކޮށްފައެވެ. އަދި މި ސެންޓަރުތަކުން މިހާރު އަންނަނީ ކޮވިޑް ޓެސްޓް ހަދަމުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބު ދައްކާގޮތުން އިއްޔެ ވެގެން ގޮސްފައިވަނީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ސާމްޕަލްތައް ނެގިކަމަށް ރެކޯޑް ކުރެވުނު ދުވަހަށެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ގަޑިއިރު ތެރޭ 7005 ސާމްޕަލް ކޮވިޑަށް ޓެސްޓް ކުރުމަށް ނަގާފައިވާ ކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުން ދައްކައެވެ.

އިއްޔެ އަލަށް ޕޮޒިޓިވްވި 816 މީހުންނަކީ ޕޮޒިޓިވިޓީ ރޭޓުން ބަލާ ނަމަ 11.65 ޕަސެންޓެވެ. މީގެތެރޭގައި ހިމެނެނީ މާލޭން ފެނުނު 413 މީހުންނާއި އާއި އެހެން ރަށްރަށުން ފެނުނު 249 މީހަކާއި ރިސޯޓްތަކުން ފެނުނު 92 މީހެއްގެ އިތުރުން ކަނޑުމަތީގެ އުޅަނދުތަކުން ފެނިފައިވާ 15 މީހެކެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިދިޔަ 24 ގަޑިއިރުގެ ޕޮޒިޓިވިޓީ ރޭޓަށް ބަލާއިރު މާލޭގެ ޕޮޒިޓިވިޓީ ރޭޓް މިހާރު 12 އިންސައްތައަށް އަރާފައިވާ ކަމަށެވެ.

ކޮވިޑު-19އަށް ދިވެހިރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑް ކުރެވުނު މީހުންގެ ޖުމްލަ އަދަދު ލައްކައިން މަތިވެފައިވާއިރު ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 95 ހާހުން މައްޗަށް އަރާފައިވާ ކަމަށްވެސް ތަފާސްހިސާބުން ދައްކައެވެ.

އަދި މިބަލީގައި ރާއްޖެއިން 264 މީހަކު ވަނީ މަރުވެފައެވެ. އެއީ 245 ދިވެހިންނާ 19 ބިދޭސީންނެވެ.

މިވަގުތު މި ބަލީގެ 25 މީހަކަށް ފެސިލިޓީތަކުގައި އެޑްމިޓްކޮށް ފަރުވާ ދެމުންގެންދާއިރު އެކްޓިވް ކޭސަސްގެ ގޮތުގައި 5118 މީހަކު ހިމެނެއެވެ.

ކޮވިޑްގެ ކޭސްތައް މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޮވިޑްގެ އައު ވެރިއަންޓް އޮމިކްރޮން ރާއްޖޭގައިވެސް ފެތުރެން އަންނާތީ ކަމަށް ދާދީ ފަހުން އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.

ކޮވިޑް-19ގެ ނުރައްކާ އަނެއްކާވެސް ބޮޑުވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ކޮވިޑް ވެކްސިން ޕްރޮގްރާމް ވެސް މިހާރުވަނީ ފުޅާކޮށްފައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްފައި ވާއިރު ވެކްސިންގެ ބޫސްޓަ ޑޯޒް ޖެހުމަށް އާންމުކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށް ބޫސްޓަރ ޑޯޒު ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.