ހުކުރު ދުވަހަކި އެތައް ގޮތަކުން މާތް ﷲ މަތިވެރި ކުރައްވާފައިވާ ދުވަހެއް ކަމަށާއި އެ ދުވަހަކީ އިންސާނީ ނަސްލުގެ ފެށުން ކަމުގައިވާ މުޅި އިންސާނިއްޔަތުގެ ބައްޕަ، އާދަމްގެފާނު އެފެއްދެވުނު ތާރީޚީ ދުވަސް ކަމުގައި މިއަދުގެ ހުކުރު ޚުތުބާއިން ބުނެދީފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގެ މައުލޫއަކީ "ހުކުރުގެ ދަރުމަ ހެޔޮގޮތުގައި ލިބިގަންނާށެވެ!" މިއެވެ.

ހުކުރު ދުވަހަކީ އިރު އެދުވަހަކަށް ފާޅުކުރެއްވި ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ދުވަސް ކަމަށާއި އާދަމްގެފާނު ހެއްދެވުނީ އެދުވަހު ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީވެސް އެދުވަހު ކަމަށާއި އަދި ސުވަރުގެ އިން ނެރުއްވެވުނީވެސް ހަމަ އެދުވަހުއެވެ.

ހުކުރު ދުވަހުގެ މާތްކަން ބަޔާންކޮށް ޚުތުބުގައި ވަނީ ހުކުރު ދުވަހަކީ އެދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ޚާއްސަ ވަގުތެއްވާ ދުވަހެއް ކަމަށާއި އެހެން ކަމުން ހުކުރު ދުވަހު މާތްﷲ މިންވަރު ކުރައްވާފައިވާ މި މަތިވެރި ވަގުތުތަކުގައި އެކިއެކި ބޭނުންތައް ޖެހިފައިވާ މީހުން މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ދުޢާކުރުން އިތުރުކުރުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.

"މީސްތަކުން ހުކުރު ނަމާދު އަޅައިފުމުން ރައްކައުތެރިވާ ހުށިކަމެވެ. ނޫންނަމަ ﷲ ތަޢާލާ އެއުރެންގެ ހިތްތަކުގައި ސިއްކަ ޖައްސަވައިފާހުއްޓެވެ. ދެން ހަމަކަށަވަރުން އެއުރެންނީ ޣާފިލުންގެ ތެރެއިންވާ ބަޔަކު ކަމުގައި ވެދާހުއްޓެވެ."
ޚުތުބާ

ހުކުރު ދުވަހުގެ މާތްކުރައްވާފައިވާ އެވަގުތަކީ ހުކުރު ދުވަހުގެ އަސްރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދުގައިވާ ވަގުތު ކޮޅެއް ކަމުގައިވެސް އައިސްފައިވެއެވެ. ނުވަތަ އެއީ އިމާމާ މިންބަރުގައި އިށީނީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖައުމަށް ދާންދެން އެވާ ވަގުތު ކަމުގައިވެސް ރިވާވެގެންވެއެވެ. އަދި އެވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހު ވަގުތު ކަމުގައިވެސް އައިސްފައިވެއެވެ.

ހުކުރު ދުވަހު ކުރާ ހުކުރު ނަމާދަކީ ހަފްތާ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކާއްފާރާއެއް ކަންވެސް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ. ހުކުރު ދުވަހު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ، ހުކުރު ނަމާދު އަދާކުރުން ކަމަށާއި މިހެން ކަމުން ހުކުރު ނަމާދަށް އަވަސްވެގަތުމަށް މާތްﷲ ވަނީ މުއުމިނުންނަށް އަމުރުކުރައްވާފައެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރު ދުވަހު (ހުކުރު) ނަމާދަށް ގޮވައިލެވޭ ހިނދު ފަހެ ﷲ ހަނދުމަކުރުމަށް (އެބަހީ:ޚުތުބާ އަޑުއެހުމާޢި ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓާލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ އެގޮތް ތިޔަބައި މީހުންނާސް ހެޔޮކަން ބޮޑެވެ."
ޚުތުބާ

ދުނިޔަވީ މަސައްކަތުން ދުރުވެ ހުކުރަށް ދިއުމަށް އަވަސްވެގަތުމަކީ ބޮޑު ނަސީބެއްކަމަށައި އެހެން ނަމަވެސް އެ ނަސީބު ލިބިގަތުމަށް ވުރެވެސް ބޮޑަށް ހުކުރު ވަގުތަށް ބެލުމެއް ނެތި ބައެއް ވިޔަފާރިވެރިން ވިޔަފާރިން މަންފާ ހޯދުމަށް މަސައްކަތްކުރާ ތަން މިހާރު މުޖުތަމައުން ފެންނަމުންދާކަމީ ހިތާމަހުރިކަމެކެވެ.

އަދި މިކަމުގައި ޚިދުމަތްހޯދާ މީހުންވެސް ހުކުރު ވަގުތުގައި ހޭބޯ ނާރައި ޙިދުމަތް ލިބިގަންނަމުންދާ މަންޒަރު ފެނެއެވެ.

ހުކުރު ދުވަހު މަލާއިކަތުން މިސްކިތުގެ ދޮރުމަތީގައި ތިއްބަވާނެ ކަމަށާއި ހުކުރަށް އަންނަ މީހުން އެ މީހުން އަންނަ ތަރުތީބުން ލިޔުއްވަވާނެ ކަމުގައިވެސް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން ބުނެފައިވަނީ ފުރަތަމަ ސާޢަތުގައި އަންނަ މީހާ މާތްﷲއަށްޓަކައި ޖަމަލެއް ޤުރުބާން ކުރިފަދަ ކަމަށާއި ދެން އަންނަ މީހާ މާތްﷲއަށްޓަކައި ގެރިއެއް ޤުރުބާންކުރި ފަދަކަމަށެވެ. އަދި ދެން އަންނަ މީހާ މާތްﷲއަށްޓަކައި ކުކުޅު ބިހެއް ސަދަޤާތްކުރި ފަދަކަމަށެވެ.

އިމާމު މިންބަރަށް އަރާވަޑައިގަތުމުން (މަލާއިކަތް ބޭކަލުން) އެ ބޭކަލުންގެ ފަތްފުށްތައް ލައްޕަވާލައްވައި ޚުތުބާ އަޑުއެއްސުވަށް ތިއްބަވާނެ ކަމަށްވެސް ޚުތުބާއިން ބުނެއެވެ.

އެހެން ކަމުން ހުކުރު ދުވަހުގެ ހުކުރު ނަމާދަށް މިސްކިތަށް ވީހާވެސް ކުރިން ދިއުމާއި ފުރަތަމަ ސަފު ހޯދާ މިސްކިތުގައި ސުންނަތް ނަމާދު ކޮށް ޒިކުރު ކުރުމީ ވަރަށް މުހިއްމު ކަމެކެވެ.

އެހެނީ ހުކުރު ދުވަހުގެ ޚުތުބާ ފެށުމަށްފަހު އަންނަ މީހުންނަކީ ހުކުރަށް ހާޒިރުވި މީހުން ލިޔުއްވުމަށް މާތްﷲ ހާއްސަކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫން ކަމަށާއި އެހެން ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ސައްހަ ވާނެ ކަމަށްވެސް ޚުތުބާގައިވެއެވެ.

އަދި މާތްﷲ ހުކުރު ނަމާދަށް ޚާއްސަ ކުރައްވާފައިވާ ދަރުމައާއި ސަވާބުގެ ވަރަށް ބޮޑު ބައެއް އެފަދަ މީހުންނަށް އުނިވާނެކަން ފާހަގަކޮށް މިއަދުގެ ޚުތުބާގައި ވަނީ އިމާމާ ޚުތުބާ ކިޔަމުންދާއިރު އަޑު އަހާ ސަމާލުކަން ދިނުމަށާއި އެކަމަކީ ހުކުރު ނަމާދު ފުރިހަމަވުމަށް ލާޒިމުކުރާ ކަމެއްކަން ފާހަގަކޮށްފައެވެ.

ޚުތުބާ އަޑުއަހާ މީހުންގެ ވިސްނުމުގައި ހުންނަން ޖެހޭ ކަމަކީ ޚުތުބާއިން ޤަސްދުކުރެވޭ ފަރާތަކީ ތިމާ ނުވަތަ ތިމާމެން ކަމުގައި ބަލައި ޚުތުބާއިން ދޭ އިރުޝާދުތައް ލިބިގަތުން ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ބައެއް މީހުން މިފަދަ ކަންކަމަށް ސަމާލުކަން ނުދޭކަމަށްވެސް ބުނެފައިވެއެވެ.

ޝަރުއީ އެއްވެސް އުޒުރަކާ ނުލައި ހުކުރަށް ދިއުމުގައި ފަރުވާކުޑަ ކުރާކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ހުކުރު އަޅާފައި ދަތުރު ދިއުން ފަދަ ކަންކަން މީހުން ކުރާ ކަމަށެވެ.

މަގްބޫލު އުޒުރަކާއި ނުލައި ހުކުރަށް ނުދިއުމަކީ އެބައިމީހުންގެ ހިތުގައި ސިއްކަ ޖެހި ބަންދުވެދާނެ ކަމެއް ކަމަށެވެ.

"ހުކުރު އަޅާ މީހުން އެބައިމީހުން އެކަމުން ދުރުވާހުށިކަމެވެ! ނޫނީ މާތް ﷲ އެބައިމީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަވާ ހުއްޓެވެ. ދެން އެބައިމީހުން ޣާފިލުވީ މީޙުންގެ ތެރެއިން ވެދާ ހުށކަން ކަށަވަރެވެ."
ޚުތުބާ

ޝަރުއީ އުޒުރަކާ ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި ހުކުރު ދުވަހު ނޫނީ ޤިޔާމަތް ޤާއިމު ނުވާނެ ކަމަށްވެސް މިއަދު އިއްވި ހުކުރު ޚުތުބާއިންވެސް އަހަރެމެންނަށް ވަނީ އަންގައިދީފައެވެ.