"ވަގަށް ނުނަގާނަމަ" ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ޕީޕީއެމްގެ އިންތިޚާބެއް ކަމަށް އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިނަށް ކޮމަންޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ، އިންތިހާބަށް އޮތީ ދޮޅު އަހަރު ކަމަށާއި، އަންނަ އިންތިހާބަކީވެސް ވަގަށް ނުނަގާ އިންތިހާބެއް ކަމުގައިވާނަމަ އެއީ ޕީޕީއެމްގެ އިންތިހާބެއްކަން ކަށަވަރު ކަމަށެވެ.

ދެންވެސް ގަބޫލުކުރައްވާށޭ، އިންތިހާބަށް މިއޮތީ ގާތްގަނޑަކަށް ދޮޅު އަހަރު. މި އަންނަ އިންތިޚާބަކީވެސް ވަގަށް ނުނަގާ އިންތިހާބެއް ކަމަށް ވަންޏާ، އެއީ ޕީޕީއެމްގެ އިންތިޙާބެއްކަން ކަށަވަރު ކުރައްވާ. ﷲގެ ރަހުމަތާއެކީ އެނޫންގޮތަކަށް އެކަމެއް ނުދާނެ. އެއީ އެކަން އޮތް ގޮތް.
އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ދިވެހީން މިއަދު ހިތްދަތިކަން ތަހައްމަލްކުރަމުން ގެންދަނީ މިދިޔަ އިންތިހާބުގައި އެގޮތަށް ކަންތައް ކުރެއްވުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގައި އެންމެ ވިކޭ ފިކުރަކީ، ރާއްޖެ ބިނާކުރާ، ރާއްޖެއަށް ތަރައްގީ ގެންނާނެ ފިކުރުކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެއީ އެއްގޮތަކަށްވެސް އާމްދަނީ ހޯދުމަށް ޒުވާނުންނަށް ވަޒީފާ ލިބެން ހުންނަ ކުންފުނިތައް ވިއްކާލާ ފިކުރުނޫން ކަމަށެވެ. މީގެއިތުރުންވެސް، ރާއްޖޭގެ އިސްލާމް ދީނާއި، ރާއްޖޭގެ ގައުމިއްޔަތާއި އިސްތިގުލާލާއި އަދި ރާއްޖެ ބޭރުގެ އިސްތިއުމާރަކަށް އަޅުވެތި ނުވުމަށް ވަކާލާތުކޮށް މަސައްކަތް ކުރާ ޕާޓީއަކީ ޕީޕީއެމް/ޕީއެންސީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރައި، ބޭރުގެ އިސްތިއުމާރުން ކުރިމަތީގައި ކުޑަކަކޫ ޖަހަން ޖެހިފައިވާ މަންޒަރުފެންނަމުންދާއިރު، ގައުމުގެ މިނިވަންކަމާމެދު ވަކާލާތު ކުރެއްވި ބޭފުޅުން މިއަދު ކޮބައިތޯ އައްސަވައި އެމަނިކުފާނު ވަނީ ސުވާލު އަމާޒުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލްކުރައްވަން އިންނަވާ ބޭފުޅަކީ ބޮޑެތި މަސްއޫލިއްޔަތުތަކެއް އަދި ޒިންމާތަކެއް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށް ވީއިރު، އެއީ އެއްވެސް އޮޅުވާލުމެއް ނެތް ގޮތަށް ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުންގެ ޝުއޫރު ފާޅުކުރާ ކެރުންތެރި ބޭފުޅަކަށް ވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މިވަގުތު މަޖިލީހުގައި އިންނަވަން އެންމެ އެކަށީގެންވާ ބޭފުޅަކީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.