ޒުވާން ބަތަލާއަކާ އެކު ގޯވިންދާ ކުޅެ، ނެރުނު ވީޑިއޯ ލަވައެއްގެ ސަބަބުން އޭނަގެ ދުވަސް މުޅިން ހިނގައްޖެއެވެ.

ޒުވާން ބަތަލާއަކާ އެކު ގޯވިންދާ ކުޅެ، ނެރުނު ވީޑިއޯ ލަވަ "ހެލޯ" އަށް ފާޑުކީ މީހުން ބުނެފައިވަނީ އެކަހަލަ ތާކުންތާކުން ނުޖެހޭ ފީކަޅާ ލަވަތައް ހަދައިގެން ފޭނުންގެ ކުރިމަތީގައި އަގުވެއްޓުމަށް ވުރެ ދެން ގޯވިންދާއަށް އެންމެ ރަނގަޅު ވާނީ އެކްޓިންއާ ދުރަށް ދިއުން މިހާރު ރަނގަޅުވާނެ ކަމަށެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާ ނެރުނު ތިން ވަނަ ވީޑިއޯ ލަވަ "ހެލޯ" އާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އޭނާ ރީތި ގޮތުގައި ގަދަރުވެރިކަމާ އެކު މިހާރު ރިޓަޔާކޮށް، ގޭގައި މަޑުކުރަން ވެއްޖެ ކަމަށްވެސް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.

ހިތްގައިމު ނެށުންތަކުންނާއި ކުޅަދާން އެކްޓުގެ ސަބަބުން ބޮލީވުޑްގައި މިހާރުވެސް ފަނޑުކަމެއް ނާންނަ ގޯވިންދާއަށް ފާޑުކިޔާ އިންޑިޔާގެ ނޫސްތައް ކަމުގައިވާ "އިންޑިޔަން އެކްސްޕްރެސް"، "އައުޓް ލުކް އިންޑިޔާ"ގެ އިތުރުން "ޒީނިއުސު"ން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި ކެރިއަރުގެ ކުރީކޮޅުގެ ސްޓައިލަށް ގެނެސްދީފައި ވާ "ހެލޯ" ލަވައަކީ މި ޒަމާނަށް ފެތޭ ލަވައެއް ނޫނެވެ.

އަދި މިކަމާއި ގުޅިގެން އިންޑިޔާގައި ފިލްމީ ދާއިރާއަށް ލޯބިކުރާ މީހުން އަންނަނީ ގޯވިންދާއަށް މަލާމާތްކޮށް ފާޑުކިޔަމުންނެވެ.

https://www.instagram.com/tv/CYRiuDDJi0-/?utm_medium=copy_link

ދަރިންގެ އުމުރުގެ ބަތަލާއިންނާ އެކު ނަށައި، އިހުގެ ގޮތްގަނޑާ އެކު 80 އާއި 90ގެ ގޯވިންދާ ގެންގުޅުނު އޭނާގެ ސިގްނޭޗަ ސްޓެޕްތަކާއި އެކްސްޕްރެޝަންތައް ކިތަންމެ ވަރަކަށް ދެއްކިޔަސް ގޯވިންދާ އަކީ މިހާރު މި ޒަމާނަށް ފެތޭނެ މީހެއް ނޫންކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ދެން އެންމެ ރަނގަޅު ވާނީ އަބުރަށް ވެސް ހުތުރު ނާރުވައި، ގަދަރުވެރިކަމާ އެކު ފިލްމީ ދާއިރާއާ އެއްކޮށް ދުރަށް ޖެހުން ކަމަށް "ހެލޯ" އާންމުކުރި ވާހަކަ ގޯވިންދާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމުން ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވެއެވެ.

86 ވަނަ އަހަރު ފިލްމް އިލްޒާމުން ބޮލީވުޑް އިންޑަސްޓްރީއަށް ނިކުމެ އިންޑަސްޓްރީގައި ވަކި ހިއްޕާލާ ވިދުންގަދަވި ގޯވިންދާއަށް 2000ގެ ފަހުން މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

2000ގެ އަހަރުތަކުގައި ގޯވިންދާއަށް ފުރުސަތު ލިބެމުންގޮސްފައިވަނީ ހެއްވާ މަޖާ ބައިތައް ކުޅުމަށް އެކަނިއެވެ. އެގޮތުން ފާހަގަކޮށްލެވޭ ފިލްމްތަކަކީ ސަލްމާނާ އެކު ކުޅުނު ޑޭވިޑްގެ "ޕާޓްނާ"އެވެ. އަދި ގިނަ ފްލޮޕް ފިލްމްތަކެއްގައިވެސް އޭނަ މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެެވެ.

އިންޑިޔާގެ ލޮކް ސަބާގައި ޕޮލިޓީޝަނެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ގޯވިންދާއަށް ވަނީ 1999 ވަނަ ބީބީސީ ނިއުސް އޮންލައިނުން ނެގި ޕޯލެއްގައި "world's tenth-greatest star of stage or screen"ވޯޓު ލބިފައެވެ. އަދި ޖުލައި 2016 ގައި އިންޑިޔާ ލީޑަރޝިޕް ކޮންކްލޭވުން ވަނީ އެކްޓަރ އޮފް ދި ޑިކޭޑްގެ ގޮތުގައިވެސް ފާހަގަކޮށްފައެވެ.

12 ފިލްމްފެއަރ އެވޯރޑަކާއި 4 ޒީސިނެ އެވޯރޑްވެސް ހާސިލްކޮށްފައިވާ ގޯވިންދާއަށް ވަނީ 1999 ވަނަ ފިލްމް ހަސީނާ މާންޖާއޭގީން ފިލްމްފެއަރ ބެސްޓް ކޮމީޑިއަންގެ އެވޯރޑްވެސް ލިބިފައެވެ.