ކޮވިޑް-19 ފެތުރޭތީ އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ގްރޭޑް އެކަކުން ފެށިގެން އަށަކަށް ކިޔަވާ ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭނީ ފުރަތަމަ ހަފްތާގެ ދެ ދުވަހު ކަމަށް މިނިސްޓްރީ އޮފް ޢެޑިޔުކޭޝަނުން ކަނޑައަޅައިފިއެެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން އަންގަމުންދާ ކަމަށެވެ. އެހެންކަމުން 2021-2022 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔަވައިދިނުން އާދީއްތަ ދުވަހު ފަށާއިރު މާލެ ސްކޫލްތަކުގައި ފުރަތަމަ ހަފްތާގައި ކިޔަވައި ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހާއްސަ ސަމާލުކަމެއް ދީގެން ކަަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން ސްކޫލްގެ ހުރިހާ ހަރަކާތްތަކުގައިވެސް ގައި ދުރުކަން ދެމެހެއްޓުމާއި، ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުން ބެލުމާއި، ސެނެޓަައިޒް ކުރުން ނުވަތަ އަތް ދޮވުމާއި، ސްކޫލްގެ ކިޔަވާ ދަންފަޅި ކުރު ކުރުމަށް އަންގާފައި ވެއެވެ.

އަދި ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު ތިން ފޫޓު ދުރުމިން ބެހެއްޓުމާއި، ގްރޭޑް އެކަކުންކެަ އަށެއްގެ ދަރިވަރުން ފުރަތަމަ ހަފްތާ މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމް ޓޭބަލް ރޭވުމަށް އަންގާފައި ވެއެވެ.