ރާއްޖެއިން ކޮވިޑް ބަލީގައި އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، މަރުވެފައިވަނީ އައްޑޫ އަތޮޅު ފޭދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދިޔަ މީހެއްކަމަށެވެ.

އަދި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި އެމީހާ މަރުވިކަމަށް ކަނޑައަޅާފައިވަނީ މިއަދު ހެނދުނު 08:00 ގައި ކަމަށެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 265 އަށް އަރާފައެވެ.

މިއަހަރު ފެށުނުފަހުން ރާއްޖޭއިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ.

އެގޮތުން ބުދަ ދުވަހުގެ ހަވީރު 18:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ 18:00 އާއި ހަމައަށް، 816 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިއީ ފާއިތުވީ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހަށްފަހު ރާއްޖެއިން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު ދުވަހެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްގެ ގޮތުގައި 5118 މީހުން އެބަތިއްބެވެ.