ދިވެހިރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރެވި، ކޮވިޑުގެ ހާލަތު ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައި އޮތްއޮތުން ނިމުމަކަށް އައިސް ރާއްޖެ ނުރައްކަލުގެ ތެރެއަށް ވެއްޓިއްޖެއެވެ.

ފާއިތުވީ 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރުވާން ފަށާފައިވާއިރު، ފާއިތުވީ ދެތިން ދުވަހުގެ އަދަދުތައް ހުރީ، ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ގޯސްކޮށް އޮތްއިރު އަދަދުތައް ހުރި ގޮތަށެވެ. އެގޮތުން ބުދަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ފެންނަގޮތުގައި 536 މީހަކު ރާއްޖެއިން އެދުވަހު ޕޮޒިޓިވްވިއެވެ. އަދި ބުރާސްފަތި ދުވަހު ވަނީ 816 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އަދަދުތައް މަތިވެ ނުރައްކަލުގެ ރަނގަބީލު އަޅަން ފެށިތާ ދުވަސްތަކެއް ފާއިތުވެފައިވާއިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ބުރާސްފަތި ދުވަހުގެ 18:00 އިން ފެށިގެން ހުކުރު ދުވަހުގެ 18:00 އާއި ހަމައަށް 964 މީހަކު ރާއްޖެއިން އަލަށް ޕޮޒިޓިވްވެފައިވެއެވެ.

ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 475 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 290 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 87 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ. އަދި 2 މީހުންނަކީ ރާއްޖެއިން ބޭރުން ރާއްޖެއައި މީހުންނެވެ.

އަލަށް ޕޮޒިޓިވްވި 946 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 101،418 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 203 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 95،259 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 5،881 ގައެވެ. މީގެތެރެއިން 22 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ހުކުރު ދުވަހު ހެނދުނު 08:00 ގައި ވަނީ އަނެއްކާވެސް ކޮވިޑް ބަލީގައި މީހަކު މަރުވެފައެވެ. މަރުވެފައިވަނީ ސ. ފޭދޫ ހެލްތް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ ބަންގްލަދޭޝް ފިރިހެނެކެވެ. މިއާއެކު ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 265 މީހުން މަރުވެފައިވެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާއިރު، އެޗްޕިއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. މީގެއިތުރުން، ރާއްޖޭގައިވެސް ހަލުވިކަމާއެކު އޮމިކްރޮން ވޭރިއަންޓު ފެތުރެމުންދާކަން ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ކޮވިޑްގެ އަދަދުތައް އިތުރުވުމާއިގުޅިގެން މިހާރު ދެމުން އަންނަ ބޫސްޓަރ ޑޯޒުވެސް އާއްމުކޮށް ހުޅުވާލައި 18 އިން މަތީގެ މީހުންނަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖަހަން ފަށާގޮތަށް ވަނީ ހަމަޖައްސާފައެވެ.