މާލެ ސިޓީގެ އެކި މަގުތަކާއި ގޯޅިތަކުގެ ފާރުތަކުގައި ހުރި ގްރެފިޓީތައް ފޮހެލުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ގައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ސިޓީ ކައުންސިލުގެ މުވައްޒަފުން އެ މަސައްކަތް ކުރާ އިރު، ސެކިއުރިޓީ ދިނުމަށް ކައިރީގައި ފުލުހުންނާއި ސިފައިން ތިބެއެވެ.

ފާރުތަކުގައި ހުރި ގިނަ ގްރެފިޓީތަކާ ގޭގްންތަކާ ގުޅުންހުރެއެވެ. ފާރުތަކުގައި މި ފަދަ ބައެއް ގްރެފިޓީތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ބަސްތަކާއި ކުރެހުންތައް ހުރެއެވެ.

މާލޭގެ، އިތުރުން ވިލިމާލެ އާްއި ހުޅުމާލޭގެ މަގުތަކާއި ގޯޅިތަކުގެ ފާރުތަކުން ވެސް މި ފަދަ ގްރެފިޓީތައް ފެންނަން އެބަ ހުއްޓެވެ.

ފުލުހުންނާއި ސިފައިން "ގުޅިގެން" ނަމުގައި މިދިޔަ އާދިއްތަ ދުވަހު ބޮޑު އޮޕަރޭޝަނެއް ފެށީ ކުށްތަކަށް އަރައިގަނެ އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ބޭނުމުގައެވެ. މި އޮޕަރޭޝަންގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތައް ވަރަށް ބޮޑަށް މޮނިޓަ ކުރަން ވަނީ ނިންމައިފައެވެ.