އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖަހައިދޭން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބޫސްޓާ ޑޯޒް ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓަމަންޓް ހެދޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހައިދެމުން ދަނީ ފައިޒާ ވެކްސިނެވެ. ހަ ތަނަކުން އެޕޮއިންމެންޓް ހައްދައިގެން ބޫސްޓާ ޑޯޒް ޖެހެ އެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއި ސެނަހިޔާ އާއި ދަމަނަވެއްޓާއި ދަރުބާރުގެ އަދި ވިލިމާލެ ހޮސްޕިޓަލެވެ.

ކުރިން ބޫސްޓާ ޑޯޒް ޖަހައިދެމުން ދިޔައީ ވަކި ހާއްސަ ގްރޫޕްތަކަކަށެވެ. އެގޮތުން ހައި ރިސްކް މީހުންނާއި، 50 އަހަރުން މަތީގެ މީހުންގެ އިތުރުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޑޯޒް، މީގެކުރިން ވަނީ ދޭން ފަށާފައެވެ.

ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއިން 29،815 މީހުން ވަނީ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި އާބާދީގެ 80 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.