މިހާރު ފެތުރެމުން އަންނަ ކޮވިޑް-19ގެ އޮމިކްރޮން ވޭރިއެންޓާ ދެކޮޅަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ބޫސްޓަރ ޑޯޒް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ހުރިހާ ރައްޔިތުން ބޫސްޓަރ ޑޯޒް ޖެހުމަށް އިލްތިމާސްކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން އިލްތިމާސްކުރައްވާފައިވާއިރު މިއަދުވަނީ ބޫސްޓަރ ޑޯޒް ޢާއްމުކޮށް ހުޅުވާލައިގެން ޖަހަން ފަށާފައެވެ.

ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން ޖެހުން މިއަދުވަނީ ފަށާފައެވެ.

އެގޮތުން މާލެ ސަރަހައްދުގައި ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށްޓަކައި އެޗްޕީއޭގެ ބުކިން ޕޯޓަލުން އެޕޮއިންޓް ހެއްދޭނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 29،000 އަށް ވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒު ޖަހާފައެވެ. ބޫސްޓާ ޑޯޒް މިހާތަނަށް ޖަހަމުން އައިސްފައިވަނީ ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށެވެ.