ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ވެރިކަން ކުރާ ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭންގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، މިވަގުތުވެސް އެދާއިރާގެ ރަށްތަކުގައި ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ މަޖީލީސް މެމްބަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ކެމްޕެއިން ދަތުރުގެ ތެރެއިން ސަރުކާރުގެ އެކިއެކި ފަރާތްތަކުން ވަނީ ކޮމަންޑޫގައި އެކިއެކި މަޝްރޫއުތައް ފަށާ، ބައެއް މަޝްރޫޢުތައް އިއުލާންކޮށްފައެވެ. އެގޮތުން ކޮމަނޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއާއި ކޮމަންޑޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފައެވެ.

ނައިބު ރައީސްގެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފޯކައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވައިފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދެވި ހުސައިން ވަހީދު ޑިސެންބަރު މަހުގެ 14 ގައި އަވަހާރަވުމުންނެވެ. އެއާއެކު ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމަށް އީސީން ހުޅުވާލި ފުރުސަތުގައި އެ ދާއިރާއަށް ކުރިމަތިލާފައިވަނީ އެމްޑީޕީންނާއި، އިދިކޮޅު ކޯލިޝަނުގެ އިތުރުން އެމްއެންޕީންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާނެ ކަމަށް އީސީން ވަނީ އިއުލާނުކޮށްފައެވެ.