ރާއްޖޭގައި ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށި ދުވަސްވަރު ސަރުކާރުން އެކުލަވާލި ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނުކަން ކުރައްވައި އާންމުންގެ މަގުބޫލުކަން ހޯދި މަބްރޫކް އަޒީޒް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

"ވީނިއުސް" އަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވިތާ ދުވަސްކޮޅެއް ވެފައިވީ ނަމަވެސް ޙާލުކޮޅު ރަނގަޅު ކަމަށެވެ. އަދި އޭނާ މިވަގުތު ހުންނެވީ މެޑިކަލް ލީވެއްގައި ކަމަށް ވިދާޅުވިއެވެ.

އެންއީއޯސީގެ ތަރުޖަމާނަކަށް ހުންނެވި ދުވަސްވަރު އޭރު ކުރިމަތިވި ކޮވިޑް19ގެ ރާޅުތަކުން އަރައިގަތުމަށް ޢާއްމުނަށް މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި މުހިއްމު ދައުރެއްވަނީ އަދާކުރައްވި މަބުރޫކަށް ފަހުން ވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާންގެ މަގާމު ދެއްވާފައެވެ.

އޭރު ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލުގެ ހާމަކުރުމުގެ އިތުރުން ނޫސްވެރިންގެ ސުވާލުތަކަށް މިނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ޖަވާބު ދެއްވައެވެ. އަދި އެޗްއީއޯސީގެ ޑޮކްޓަރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މިނިސްޓަރުންނާއި އިސްބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންނައެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުންވާއިރު، ހުރިހާ ނޫސްވެރިންނަށް ވެސް ސުވާލުކުރުމުގެ ފުރުސަތުދެއެވެ.

އޭގެ ފަހުން މިހާތަނަށް ފުރުއްވަމުންގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ މަޤާމެވެ.