މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް ހުއްޓުވޭނީ އެ ކުށްކުރާ ފަރާތްތަކަށް އެހީތެރިވާވުން ހުރިހާ ލެވެލްއެއްގައި ހުއްޓާލައިގެން ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ތިނަދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކާއި ގޭންގް ހަދައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާއަކަށް ބަދަލުވެގެންދާނީ އެ ކުށްކުރާ ފަރާތްތަކަށް އެހީތެރިވާވުން ހުރިހާ ލެވެލްއެއްގައި ހުއްޓާލައިގެން ކަމަށެވެ.

އަދި ރާއްޖޭގެ މުޅި މަސްރަހް މިއަދު ދަތުރުކުރަމުންދާ ގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކި ކުށްމަދު އަމާން މުޖުތަމައެއް ގާއިމް ކުރުން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ތިނަދޫގެ ފުލުހުންގެ އައު އިމާރާތް އެޅުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ދާހިލީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާންކަން ގާއިމުކޮށްދިނުމަށްޓަކައި ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެކްޓިންގ ސައުތު ރީޖަނަލް ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފް އާއި ސައުތު ސަބް ރީޖަނަލް ކޮމާންޑަރ ޗީފް އިންސްޕެކްޓަރ ފާޠިމަތު ނަހީދާ ޠާހިރުގެ އިތުރުން ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި ގދ.އަތޮޅު ކައުންސިލްގެ ރައީސް އަދި ތިނަދޫ ކައުންސިލްގެ ރައީސް ކައުންަސިލްތަކުގެ މެންބަރުންނާއި ގދ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.