ޑައިވިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ދާދި ދެންމެއަކު ބުނީ، އދ. މަންދޫ ކައިރި ފަރަކަށް ޑައިވްކުރަން ދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށެވެ.

ގެއްލުނު މީހާ ހޯދުމަށް އެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރު މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އަދި މިއަދު އެ ސަރަޙައްދުން ދަތުރުކުރި ސީޕްލޭންތައް މެދުވެރިކޮށް އެ ސަރަޙައްދު ބަލާފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހިންގަމުންދާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެމީހާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދުގެ 15:55 ގައި ކަމަށާއި މި ޙާދިސާގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.