ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓާޓާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރުމުން، ގެއްލުމުގެ ބަދަލުގައި އެ ކުންފުންޏަށް 200 މިލިއަން އެމެރިކާ ޑޮލަރު ދޭން ޖެހުނީސް ކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

ރައީސް ނަޝިދުގެ ވެރިކަމުގައި ސަރުކާރުން ޓާޓާ ކުންފުންޏާއި އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު ވަނީ އަޅާ ނިންމާފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުގައި މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގެ އިތުރުން ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށިވެސް ޓާޓާއަށް ދޭން އޭރުގެ ސަރުކާރުން ވަނީ ދީފައެވެ.

ނަމަވެސް މަސައްކަތް ފަށަން ދިން މުއްދަތުގައި މަސައްކަތް ކުރިއަށް ގޮސްފައިނުވާ ކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ 2017 ވަނަ އަހަރު އެ އެއްބަސްވުން ބާތިލް ކޮށްފައެވެ.

އެއްބަސްވުން ބާތިލްކުރުމުން އެކުންފުނިން ވަނީ 200 މިލިއަން ޑޮލަރު ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައެވެ. ޝަރީއަތުގެ ބޭރުން މައްސަލަ ނިންމުމަށްޓަކައި އެ ކުންފުންނާއެކު ސެޓްލްމެންޓް އެއްބަސްވުމަކަށް ދިޔަކަން ހާމަކޮށް ޕްލޭނިން މިނިސްޓްރީން ނެރެނު ބަޔާނުގައި ބުނެފައިވަނީ ދެފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިން ތަރައްގީކުރުމަށް އެޕެކްސްއަށް ދިނުމަށާއި އޯޑިއޯން ބިމުގެ ބަދަލުގައި މާލޭ ކޮށި ނަންބަރ (386) ހުރި ބިން ތަރައްގީކުރުމަށް ދިނުމަށާއި، އެ ކުންފުންޏަށް ލަގްޒަރީ ވިލާ އަޅަން ރިސޯޓެއް ދިނުމަށް އެގްރިމަންޓްގައި އެއްބަސްވެފައިވާކަމަށެވެ.

މިނިސްޓްރީން ބުނީ ކޯޓުން ބޭރުގައި ތަތަމައްސަލަ ނިންމައިފައިވަނީ މި މައްސަލާގައި ޚިލާފު އުފެދިފައިވާ ގާނޫނީ ނުކުތާތަކަށް ޓްރައިބިއުނަލުން މިހާރުވެސް ވަކި ގޮތެއް ނިންމާފައިވާ ކަމަށް ބެލެވޭތީ އާއި، އެހެންވުމުން އެއްބަސްވުން ބާތިލްކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ޓްރައިބިއުނަލުން ބުރަވާކަން ފާހަގަކުރެވޭތީ، ސަރުކާރު ތަމްސީލްކުރުމަށް އައްޔަންކޮށްފައިވާ ގާނޫނީ ވަކީލުންގެ ލަފާގެ މަތީން ކަމަށެވެ.

ސަރުކާރުން ނިންމައިފައިވަނީ ރިސޯޓް ހަދަން ޅޮއްސަލަފުށި ދޭން އެއްބަސްވާ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ލަގްޒަރީ ވިލާ އަޅަން ބިން ދޫކުރުމަށެވެ.

އެގޮތުން ކުރިން ޅޮއްސަލަފުށި ދޭން އޮތް އޮތުން ބަދަލުކޮށް ލަގްޒަރީ ވިލާ ތަރައްގީކުރުމަށް ޅ.ޅޮއްސަލަފުށިން ބިމެއް ދޫކުރަން ނިންމާފައިވާ ކަމަށާއި، ލަގްޒަރީ ވިލާ އެޅުމަށް ދޫކުރެވޭ 360،000 އަކަފޫޓްގެ ބިމަށް އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ ނުވަ މިލިއަން ޑޮލަރު ސަރުކާރަށް އެޕެކްސްއިން ދެއްކުމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއިކުރުމުން އެކުންފުނިން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިޔުމަށް ވަނީ އެއްބަސްވެފައެވެ.