ކޮވިޑްބަލިން ރައްކާތެރިވުމަށްޓަކައި މާސްކް އެޅުމާ ގުޅޭގޮތުން އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން - ސީޑީސީން ނެރެފައިވާ ގައިޑްލައިން އަލުން އިސްލާހްކޮށްފިއެވެ.

އެގޮތުން، އިސްލާހްކުރި ގައިޑްލައިންގައި އެމެރިކާގެ ރައްޔިތުންނަށް ރެކޮމެންޑް ކޮށްފައިވަނީ "އެންމެ ރައްކާތެރި މާސްކް" ބޭނުން ކުރުމަށެވެ.

އެމެރިކާގެ ރައްޔިތުން އަޅަންޖެހޭނީ އެންމެ ބޮޑަށް ރައްކާތެރިކަން ލިބިދޭ، މޫނަށް ރަނގަޅަށް ފިޓްވާ އަދި ހުރިހާ ވަގުތެއްގައިވެސް އަޅައިގެން އުޅެވޭފަދަ މާސްކެއް ކަމަށް ސީޑީސީން ބުނެފައި ވެއެވެ.

އެގޮތުން، އެން95 އަދި ކޭއެން95 ފަދަ ރައްކާތެރި މާސްކްތައް ބޭނުން ކުރެވިދާނެކަމަށް އައު ގައިޑްލައިންގައި ރެކޮމެންޑް ކޮށްފައި ވެއެވެ.

ޓްރާންސިޓް ޕޮއިންޓްތައްފަދަ އެންމެ މަތީ މިންވަރަށް ރައްކާތެރިކަން ބޭނުންވާ ތަންތަނުގައި އެން95 މާސްކް ބޭނުންކުރަން ސީޑީސީން އެދިފައި ވެއެވެ.

އެން95 މާސްކަކީ ވައިގެތެރެއިން އަނގަޔާއި ނޭފަތަށް އެއްވެސް އެއްޗެއް އެތެރެވުން 95 އިންސައްތައަށް ހުއްޓުވައިދޭ މާސްކެކެވެ.

ހަޔަސްޓް-ގްރޭޑް ފޭސް ޕްރޮޓެކްޝަން ބޭނުންކުރަން އެމެރިކާގެ ރައްޔިތުންނަށް މަޖުބޫރު ކުރުމުގެ ބަދަލުގައި ސީޑީސީން ބޭނުންވަނީ ރައްޔިތުން މާސްކް އަޅަން ހިތްވަރު ދިނުމަށެވެ. ސަބަބެއް ކަމަށް ބުނަނީ، ރަނގަޅު ފެންވަރަށް ހަދާފައިވާ މާސްކްތަކަކީ އެންމެ ބޮޑަށް ރައްކާތެރިކަން ލިބިދޭ މާސްތައް ކަމަށް ވުމެވެ.

"ދޫކޮށް ވިޔެފައި ހުންނަ ފޮތީގެ އުފެއްދުންތަކުން ލިބޭ ރައްކާތެރިކަން އެންމެ ކުޑައީ"
ސީޑީސީ

މާސްކަކީ، ކޮވިޑްބަލި ފެތުރުން ހުއްޓުވުމުގެ އާންމު ސިއްހަތުގެ އެންމެ ނާޒުކު ހަތިޔާރު ކަމަށާއި، މާސްކް ނޭޅުމަށްވުރެ މާސްކެއް އެޅުމަކީ ވަރަށް މުހިންމު ކަމެއްގެގޮތުގައިވެސް، ސީޑީސީން އެމެރިކާގެ ރައްޔިތުންނަށް އިރުޝާދު ދީފައި ވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، އެމެރިކާގެ ރައްޔިތުންނަށް ހިލޭ ބެހުމަށްޓަކައި އެންމެ މަތީ ކޮލިޓީގެ މާސްކް ތައްޔާރުކުރުމަށް ސަރުކާރުން ރާވަމުންދާ ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓް ފެނުމުގެ ކުރިންވެސް ކޮވިޑް ބަލީގެ ހާލަތު ދުނިޔޭގައި އެންމެ ގޯސްވެފައިވާ ގައުމަކީ އެމެރިކާއެވެ.

މިބަލީގައި އެމެރިކާއިން މިހާތަނަށް 850،000 މީހުން މަރުވެފައިވެއެވެ.

އޮމިކްރޮން ވޭރިއެންޓްގެ ސަބަބުން ހަލުވި ކަމާއެކު ކޮވިޑް ފެތުރި، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބައްޔާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށާފައި ވާއިރު، ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ވެކްސިން ޖަހަން އެމެރިކާގެ ގިނަމީހުން ދެކޮޅު ހެދުމެވެ.