ސްރީލަންކާގެ ޔޫތު ޕާލިމަންޓް ޝަރަފްވެރި ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައްޔަިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާޏުގައި ބުނެފައިވަނީ، މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހަުގެ ނިޔަލަށް ރައީސް ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅަކީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕމެންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިޒަސް ޑިވެލޮޕްމެންޓް، ނަމާލާ ރާޖަޕަކްސާގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި 5 ވަނަ ސްރީލަންކާ ޔޫތު ޕާލިމެންޓުގެ 2 ވަނަ ސެޝަން ޝަރަފްވެރި ކޮށްދެއްވާނީ ރައީސް ނަޝީދެވެ.

މިސެޝަނަކީ ސްރީލަންކާގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމާއި އެހުނަރުތައް ދަސކޮށްދިނުމުގެ މަގްސަދުގައި ނެޝަނަލް ޔޫތު ސަރވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަނެކެވެ.

މިދަތުރުފުޅުގައި ލަންކާގެ އިސްވެރިން އަދި އެ ގައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެއެވެ.