ސްކޫލްތަކުގެ ފުރަތަމަ ޓާރމްގެ ބަންދަށްފަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ދެވަނަ ޓާރމްގެ ކިޔެވުން ފަށައިފިއެވެ.

ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިއިރު ރާއްޖޭގައި މިވަނީ ކޮވިޑް-19ގެ އައު ވޭރިއަންޓް، އޮމިކްރޯންގެ ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ހީވާން ފަށާފައެވެ. އެގޮތުން ފާއިތުވީ ހަފްތާ އަކީ ކޭސްތަކުގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ހަފްތާއެކެވެ.

މިފަދަ ހާލަތެއްގައި ރާއްޖެ އޮތްއިރު ސްކޫލްތައް ހުޅުވުމުން އެކަމުން އެންމެ ބޮޑަށް އަސަރު ކުރާނީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށެވެ. މީގެ ކުރިންވެސް ސްކޫލްތައް ބަންދުކޮށް، އެއަށްފަހު އޮންލައިންކޮށް ކިޔަވަން ޖެހުމުގެ ސަބަބުން ވަރަށް ބޮޑެތި ތަކުލީފުތަކަކާ އެ ދަރިވަރުންވަނީ ކުރިމަތިލާފައެވެ.

އަދި ހަމައެހެންމެ ކިޔަވައިދިނުމުގައި ޓީޗަރުންނަަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ. އަނެއްކާ މިހާރު މިވަނީ އެ ހާލަތު އަލުން އިއާދަ ވެދާނެ ކަމުގެ ބިރު ހީފާން ވަށާފައެވެ. ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަ މިފަދަ ދަނޑިވަޅެއްގައި ސްކޫލްތައް ހުޅުވުމުން ޓީޗަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންވެސް އެބަހުއްޓެވެ.

ސްކޫލްތައް ހުޅުވުމުގެ ގޮތުން ވަމުންދާ ތައްޔާރީތައް މިނިސްޓަރ ބައްލަވަނީ

ސްކޫލްތަކުގެ ކިޔެވުން މިއަދު ފެށިއިރު، ކޮވިޑް-19 ފެތުރޭ މިންވަރު ރާއްޖޭގައި އިތުރުވެފައިވާތީ އެޑިޔުކޭޝަން މިނިސްޓްރީންވަނީ ގްރޭޑް އަށަކުން ފެށިގެން ދަށުގެ ދަރިވަރުން ސްކޫލަށް ދާނީ ހަފްތާއަކު ދެ ދުވަސް ކަމުގައި މީގެކުރިން ހަމަޖައްސާ، ހުރިހާ ދަރިވަރުންވެސް ސްކޫލުގައި ހޭދަ ކުރާނީ ކުރިއަށްވުރެ މަދު ވަގުތުކަމުގައި ކަނޑައަޅާފައެވެ.

ސްކޫލްތަކުގެ ކިޔެވުން މިއަދު ފެށިއިރު ބޮޑެތި ބަދަލުތަކެއް ގެނެސް ސްކޫލްތައް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު ރާއްޖޭގެ މީޑިއާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

"އޮމިކްރޮންގެ ވޭރިއަންޓް އައުމާއި ގުޅިގެން އަޅުގަނޑުމެން ހަމަ ސްކޫލްތަކަށް ވާނެ ވަރަށް ގިނަ އިރުޝާދުތަކެއް ދީފަ. އެގޮތުން 6 ޖެނުއަރީ 2022 އަޅުގަނޑުމެން ވާނެ ސާރކިއުލަރއެއް ފޮނުވާފަ ސްކޫލްތަކަށް އެއީ ރާއްޖެއިން ބޭރުން އައުމަށްފަހު ނެގެޓިވް ޕީސީއާރު ޓެސްޓެއް ހިފައިގެން ރާއްޖެން ބޭރުން މިއަންނަނީ އެހެން ނަމަވެސް އައިއްސަ އެމީހުން ރަށަށް ނުވަތަ މާލެއަށް އައިސް 3 ނުވަތަ 5 ދުވަހާއި ދޭތެރޭގެ ކޮރަންޓައިންގެ ތިބުމަށްފަހު އިތުރު ޕީސީއާރު ޓެސްޓެއް ހަދާ ނެގެޓިވްވުމުން ސްޓާފުންނަށް އަދި ދަރިވަރުންނަށް ވެސް ސްކޫލަށް އާދެވޭނީ . އޭގެ އިތުރުން މޮނިޓަރިންއަށް މިހާރު ލާފަ ހުރި ރަށްތަކާއި އަދި މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުން ސްޓާފުންނާއި ކުދިން 3 ނުވަތަ 4 ދުވަހު ކަރަންޓީންގައި ތިބުމަށްފަހު އިތުރު ޕީސީއާރު ޓެސްޓެއް ހަދާ ނެގެޓިވް ވުމަށްފަހު ސްކޫލަށް އަންނަންވާނީ . އެހެންވީމަ މިކަމަކީ އަޅުގަނޑުމެން ހުރިހާ ސްކޫލްތަކަށްވެސް އަދި ޓީޗަރުންނަށްވެސް އަންގާފައިވާ ކަންތައްތައް މިކަންކަމަށް ސްކޫލްތަކުގެގެ ފަރާތުން ވަރަށް ބޮޑަށް ސަމާލުކަން ދީގެން މިބައި ކުރިއަށް ގެންދާނީ. މިގޮތަށް ފިޔަވަޅުތައް އަޅަން މިޖެހެނީ ދަރިވަރުންނާއި ކުދިންނާއި އަދި މުޖުތަމައުގެވެސް ރައްކާތެރިކަމަށް."
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު

އޭގެއިތުރުން، ބަލިމަޑުކަމާ ގުޅިގެން ކުރިންވެސް ސްކޫލްތަކުން ހިފަހައްޓަމުން އައި އުސޫލުތައް ގެންގުޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފައެވެ. އެއީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމާއި ގަވާއިދުން އަތް ދޮވުމާއި ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން ހުމުގެ އަސަރު ހުރިތޯ ބެލުމެވެ.

ވަގުތީ އަރަބިއްޔާ ސްކޫލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިނިސްޓަރ އާ ހިއްސާކުރައްވަނި

ފުރަތަމަ ޓާމް ނިމި ސްކޫލްތައް މިދިޔަ ޑިސެމްބަރު މަހުގެ ބަންދު ކުރުމުން ލިބުނު ޗުއްޓީއާ ދިމާކޮށް، ޑޮކްޓަރަށް ދެއްކުން ފަދަ އަސާސީ ހިދުމަތްތައް ހޯދަން ގިނަ ބަޔަކު އަތޮޅުތެރެއިން ވަނީ މާލެ އައިސްފައެވެ. ކޮވިޑްގެ ހާލަތު ގޯސްކޮށް އޮތުމަށްފަހު ނިއުނޯމަލްއަށް މަސައްކަތްތައް ފެށުމުން އޭރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ލުއިކުރިއެވެ.

އެގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި މީހުންނަށް ހާއްސަ ލުއިތަކެއް ވެސް ލިބިގެން ދިޔައެވެ. އެއާއެކު މިފަހަރުގެ ޗުއްޓީގައި ސްކޫލް ބަންދުވުމާ ގުޅިގެން އެތައް ދުވަހަކު ބަންދުގައި ތިބުމަށް ފަހު ވަރަށް ގިނަ ބަޔަކު އެކިއެކި ބޭނުންތަކަށް މާލެ އައެވެ. އެހެން ނަމަވެސް ކިޔެވުން ފެށެން ވަރަށް ކުޑަތަން ވެފައި ވަނިކޮށް، ހުސްވި ހަފްތާ ތެރޭގައި މަޑުމަޑުން ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށިއެވެ.

އަދި އެ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ވެއްޖެ ނަމަ އެރަށަކުން ފުރާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ޖެހޭ ގޮތަށް ފިޔަވަޅުތައް އެޅިއެވެ. ވެކްސިން ނުޖަހާނަމަ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން ދިއުމަށްފަހު ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށްފަހު ޓެސްޓް ހަދަން ޖެހޭ ގޮތަށް އެޗްޕީއޭން ފިޔަވަޅުތައްވެސް އެޅިއެވެ.

އެންމެފަހުން މިހާރުމިވަނީ ޕޮޒިޓިވިޓީ އަދަދު 900 އިން މައްޗަށް އަރާ މާލޭގެ ޕޮޒިޓިވް ރޭޓް 12 ޕަސެންޓަށް އަރާފައެވެ.

އިއްޒުއްދީން ސްކޫލްގެ މަސައްކަތްތައް ބައްލަވާލައްވަނީ

ރާއްޖޭގެ ހާލަތު ގޯސްވެ ސްކޫލް ކުދިންނަށާއި މުވައްޒަފުންނަށްވެސް ހާއްސަ އުސޫލުތަކެއް އެޗްޕީއޭއިން މިހާރުވަނީ ކަނޑައަޅާފައެވެ. އެގޮތުން ރާއްޖެއިން ބޭރުން އަންނަ މީހުންނަށް ސްކޫލަށް ނިކުމެވޭނީ ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޓެސްޓް ހެދުމަށްފަހު ނެގެޓިވް ނަތީޖާއަކާ އެކީުގައެވެ.

މޮނީޓަރިންގައި އޮތް ރަށަކުން އައުމަށްފަހުވެސް މި އުސޫލުން އަމަލުކުރަން ޖެހެއެވެ. އަނެއްކޮޅުން އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ވަނީ ގްރޭޑް އެކަކުން ފެށިގެން އަށެއްގެ ދަރިވަރުން ހަފްތާއަކު ދެ ދުވަހު ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް އަންގައިފަ އެވެ. އެކަމަކު އެގޮތަށް އަދި ނިންމާފައިވަނީ މިފެށޭ ހަފްތާ އެކަނި ކަމަށްވެސް އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ.

ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާރު ވެކްސިން ފުރިހަމަަ ނުކޮށް ތިބީ 10 ޕަސެންޓް ދަރިވަރުން ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެއެވެ. ސުކޫލް ދަރިވަރުންގެ ތެރެއިން ވެކްސިން ޖަހައި ދެމުން އަންނަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ހަވަނަ ވަނަ ދުވަހުގެ ނިއަލަށް 218 ސްކޫލަކުން 36،029 ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 23،106 ދަރިވަރުންނާއި މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވާ 12،923 ދަރިވަރުންނެވެ.

އެކުދިންނަށް ޖަހައި ދެނީ ފައިޒާ ވެކްސިނެވެ. ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށައިފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.

ފުރަތަމަ ޓާރމްގެ ބަންދަށް ލިބުނު 21 ދުވަހަށް ފަހު ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން މިއަދު ހެނދުނު 6:45 ގައި ފަށާފައިވާއިރު މާލޭގައި ގްރޭޑް އަށަކުން ފެށިގެން ތިރީގެ ދަރިވަރުން ސްކޫލަށް ދާނީ ހަފްތާއަކު ދެ ދުވަހެވެ. އޭގެ އިތުރުން އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ ސްކޫލެއްގެ ގޮތުގައި މިއަދުންފެށިގެން ބޭނުން ކުރާނީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އަންގަވާފައި ވަނީ ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގައި ދުރުކަން ދެމެހެއްޓުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. ހަމައެއާއެކު ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުމަށާއި މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުމަށް އަންގަވާފައިވެއެވެ.

މީގެ އިތުުރުންވެސް ސްކޫލްތަކުގެ ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ސްކޫލްތަކުން ބެލެނިވެރިންނާއި ހިއްސާ ކުރަންވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވެދާނެކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ކުދިން ސްކޫލަށް ފޮނުވުމަކީ އެހާ ރައްކާތެރިކަމެއް ނޫންކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. ކުދިން ސްކޫލަށް ފޮނުވަން ކިތަންމެ ބޭނުން ނަމަވެސް، ނުރައްކާ އޮތުމުން ފަސްޖެހޭ ބެލެނިވެރިންވެސް ގިނައެވެ.