އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުސްވެފައިވާ އެކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ފަސް މެމްބަރުން ހޯދަން މިދިޔަ މަހު އިއުލާންކުރި މުއްދަތު ހަމަވަނީ މާދަމާ އަށެވެ. އެކަމަކު ރައީސް އޮފީހުން ވަނީ އެ ކޮމިޝަނަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:30އާ ހަމައަށް ވަނީ އިތުރުކޮށް ގެޒެޓްކޮށްފައެވެ.
އެގޮތަށް ނިންމާފައިމިވަނީ އެކަށީގެންވާ އަދަދަށް މީހުން ކުރިމަތި ނުލުމުން ކަމަށް ބެލެވެއެވެ. އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވި ފަހުން އެ ކޮމިޝަން މެމްބަރުކަމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.
އޭސީސީގެ މެންބަރުންގެ ގޮތުގައި އެންމެފަހުން ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲއެވެ. މި ތިން ބޭފުޅުން އިސްތިއުފާ ދެއްވީ މިދިޔަ މަހު 27 ވަނަ ދުވަހުއެވެ. އެ ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އަޝްރަފް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. ޝަކީލް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
އެ ކޮމިޝަންގެ މެންބަރުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށް ފަހުއެވެ. އޮޑިޓް ރިޕޯޓްގެ ދިފާއުގައި އޭސީސީގެ މެންބަރުން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ އޮޑިޓް އޮފީހުން، އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހަދައި އެކުލަވާލި ރިޕޯޓްގައި ކޮމިޝަންގެ ގިނަ ކަންތައްތަކަކަށް ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. އަދި އެ އޮޑިޓް ހަދާފައިވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މެންބަރުންގެ ދައުރުގައި ހިނގި މަސައްކަތްތަކަށް އެކަނި ބަލައިގެން ނޫން ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގަތުމުގެ ކުރިން އޮޑިޓް ރިޕޯޓާއެކު އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަަމަށް ނިންމައި އޭސީސީގެ މެމްބަރުން ވަކިކުުރުމަށް ކޮމިޓީން ކުރިން ވެސް ވަނީ ފާސްކޮށްފައެވެ.
އެހެން ކަމުން ދައުރުން ބޭރުން ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު މަޖުލީހުގެ ޖަލްސާއެއް ބާއްވާ އެދުވަހުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން ވަނީ އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ފަށައި އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައެވެ.
އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވާފައި ވަނީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ މަހުގެ 26 ވަނަ ދުވަހު ދެވަނަ ފަހަރަށް ފާސް ކޮށްފައި ވަނިކޮށެވެ.