ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒްތަކުގައި (ގާނޫނު ތަންފީޒު ކުރާ، ޔުނީފޯމު ލީ މުވައްޒަފުން) އަށް ޕާސްޕޯޓް ދޫކުރުމަށް ވަކިން ހާއްސަ ކައުންޓަރެއް ހަދައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒްތަކުގެ މުވައްޒަފުންނަށް ޕާސްޕޯޓް ދޫކުރަން ހާއްސަ ކައުންޓަރެއް ހަމަޖެއްސީ އެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހާއްސަ ކޮށްފައިވާ ކައުންޓަރުން ހިދުމަތް ދޭނީ އޮފީސް ކާޑު ހިފައިގެން ދިއުމުން ކަމަށާއި އޮންލައިންކޮށް ޕާސްޕޯޓް ހެއްދުމުގެ މަރުހަލާ ނިންމުމަށްފަހު ޕާސްޕޯޓް ބަލާ އިމިގްރޭޝަނަށް ހާޒިރުވާއިރު އޮފީސް ކާޑު ހިފައިގެން ހާއްސަ ކައުންޓަރަށް ދިއުމުން ލުއިފަސޭހަކަމާއެކު އެކައުންޓަރުން ޕާސްޕޯޓް ލިބޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ މިގޮތަށް ހަމަޖައްސާފައި ވަނީ ޑިއުޓީ ގަޑީގައި އެ މުވައްޒަފުން ހޭދަކުރާ ވަގުތަކީ ރައްޔިތުންނާ ގުޅުން ހުރި ނާޒުކު އަދި މުހިންމު މަސައްކަތްތަކެއް ކުރުމުގައި އަވަދިނެތި އުޅޭ މީހުންކަމުގައި ވުމުން، އެ މުއައްސަސަާތަކުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އިމިގްރޭޝަނުން ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ މުވައްޒަފުންގެ ގޮތުގައި ބަލާ، ޕާސްޕޯޓް ޚިދުމަތް ހޯދުމުގައި ލުއިގޮތްތަކެއް އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށް އެމްއެންޑީއެފާއި، ފުލުހުންނާއި، ކަސްޓަމްސްއާއި، އޭވިއޭޝާން ސެކިއުރިޓީގެ އިތުރުން އެޗްޕީއޭ ޓެގްކޮށް ޓުވީޓުކޮށްފައިވެއެވެ.