އަވައްޓެރި ސްރީ ލަންކާގެ އެތްލެޓިކްސް އަސް 100 އަހަރު ފުރުން، ކުލަގަދަކޮށް ފާހަގަކުރުމަށް އެގައުމުގެ އެތްލެޓިކްސް އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މި މަހު 22 ވަނަ ދުވަހު ބާއްވާ ހާފް މެރަތަންގައި ވާދަކުރާ ރާއްޖޭގެ ޓީމު އިއުލާނުކޮށްފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއުލާނުކުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ ފިރިހެން ދެ ދުވުންތެރިންނާއި އަންހެން ދެ ދުވުންތެރިންނެވެ. އެއީ އަހުމަދު ޝަރަފް، މުހައްމަދު ރަޝީދު (މޯޑު)، އައިޝަތު ރިޝްމީ (އިއްތި) އަދި މަރިޔަމް އަބްދުލް ކަރީމް (މަރީ) އެވެ.

އަދި މި ދުވުންތެރިން ތަމްރީނުކުރުމަށް އަދި އިރުޝާދުދިނުމަށް ކަނޑައަޅާފައިވާ ކޯޗަކީ ނުސްރުﷲ އަހްމަދު (ނަސްރު) އެވެ. ނަސްރު އަކީ ރާއްޖެ ދާދި ފަހުން ބަންގްލަދޭޝްގައި ބޭއްވި ޑާކާ މެރަތަންގައި ދިވެހި ޓީމުގެ ކޯޗުގެ ޒިންމާ އަދާކުރި ފަރާތްވެސް މެއެވެ.

އަދި ބަންގްލަދޭޝްގައި އޮތް ފުލް މެރަތަންގައި ރާއްޖެ ތަމްސީލްކުރީ މޯޑު އާއި އިއްތިއެވެ. ފުލް މެރަތަންގައި ވާދަކޮށް މޯޑް ރޭސް ނިންމީ ދެ ގަޑިއިރު 45 މިނިޓް 28 ސިކުންތުންނެވެ. ރިޝްމީ ރޭސް ނިންމީ ތިން ގަޑިއިރު 26 މިނިޓް 26 ސިކުންތެވެ. މިއީ ރިޝްމީގެ އެންމެ ރަނގަޅު ޓައިމިންނެވެ.

ޑާކާގައި އޮތް މެރަތަންގައި މޯޑާއި ރިޝްމީގެ އިތުރުން ޝަރަފް ވެސް އޮތީ ވާދަކުރާ ގޮތަށެވެ. އެހެންނަމަވެސް، ފަހުން ޝަރަފް ވާދަކުރާ ހާފް މެރަތަން ކެޓަގަރީ ރޭހުން އުނިކުރުމުން އޭނާ އަށް ފުރުސަތު ގެއްލުނީއެވެ.