ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ލިފްޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް، ތިން ޓަވަރެއްގެ ލިފްޓުގެ ހިދުމަތް މެދުކަނޑައިލައިފިއެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ މަރާމާތަށް ފުރަތަމަ މެދުކަނޑައިލަން ނިންމައިފައިވަނީ އެޗް-8 ގެ ލިފްޓް އެލް-4، ޓަވަރު އެޗް-9 ގެ ލިފްޓް އެލް-2، ޓަވަރު އެޗް-12 ގެ ލިފްޓް އެލް-2 ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ މި ތިން ލިފްޓު ބަންދުކުރަން ނިންމައިފައިވަނީ އެއް ހަފްތާގެ މުއްދަތައް ކަމަށާއި މަރާމާތަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބުމާއެކު، ހަފްތާއެއްގެ ތެރޭގައި މި ލިފްޓުތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭކަމަށެވެ. ލިފްޓުތައް ބަންދު ކުރުމާ ގުޅިގެން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ.

ހިޔާ ފްލެޓްތަކުގެ ބައެއް އިމާރާތްތަކުގައި ހަތަރު ލިފްޓް ހުންނައިރު އަނެއްބައި އިމާރާތްތަކުގައި ހުންނަނީ ތިން ލިފްޓެވެ.

މިފަހުން އެތަނުގެ ދިރިއުޅޭ މީހުން ބުނަމުން އަންނަނީ ހިޔާ ފްލެޓްތަކުގައި ޖާގަ ކުޑަވުމަށް ވުރެ ބޮޑީ ލިފްޓް އޮޕަރޭޓް ނުވާ މައްސަލަ ބޮޑުކަމަށެވެ.

ލިފްޓްތަކުގެ މެއިންޓެނަންސްގެ މަސައްކަތްތައް ބެލެހެއްޓުމަށް އެޗްޑީސީން މިދިޔަ މަހު ފަހުކޮޅު ވަނީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑާ ހަވާލުވެސް ކޮށްފައެވެ. އަދި މެއިންޓެނެންސްގެ މައްސަލަތަކާ ގުޅިގެން ގުޅާނެ ހޮޓްލައިނެއްވެސް ވަނީ ގާއިމްކޮށްފައެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށައިފައިވާއިރު އެ ސަރަހައްދުގެ މަގުތައް އަދި ހަދާ ނިމިފައިނުވުމާއި ކުނި މުނޭޖް ނުކުރެވޭ މައްސަލައާއި މިފަދަ ޒަރޫރީ ބޭނުންތައް ފުއްދޭނެ އިންތިޒާމްތައް ހަމަޖެހިފައި ނުވުމުން ހިޔާގައި ދިރިއުޅޭ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފްލެޓްތަކުގައި މީހުން މިހާރު ދިރިއުޅެން ފަށާފައިވާއިރު ކުލި ނަގަން ފަށާނީ އަންނަ އޭޕްރީލް މަހުން ފެށިގެން ކަމަށް ރައީސް ސާލިހް ނިންމެވުމުން އެކަން އެޗްޑީސީން ވަނީ އަންގާފައެވެ.