ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބާއްވާ ޓީ20 ކްރިކެޓް ލީގު، ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލަށް މާލޭ ވެޓެރަންސް އާއި މާލޭ ސްޕޯޓްސް ކްލަބް ދަތުރުކޮށްފިއެވެ.

ފައިނަލްގެ ޖާގައެއް މާލޭ ވެޓެރަންސް އިން ހޯދީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވިޔަންސާ 55 ލަނޑުން ބަލިކޮށްގެންނެވެ. މިމެޗުގައި ޓޮސްދިމާވުމުން ވިޔަންސާ ބޭނުންވީ ހޮވުމަށެވެ. މާލޭ ވެޓްރަންސް ކުޅެންއަރާ 20 އޯވަރުގެތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން 178 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 91 ލަނޑު ހެދި އަސްކަރު ހުސޭން އާއި 24 ލަނޑު ހެދި ޕްރަދީޕް އެވެ. މީގެއިތުރުން ބާބުލް 3 ވިކެޓް އަދި އަބްދުލް ރަހުމާން 2 ވިކެޓް ނެގިއެވެ.

ޖަވާބުގައި ވިޔަންސާ ކުޅެންއަރާ 19 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 122 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 30 ލަނޑުހެދި ސުޖަންއާއި 29 ލަނޑުހެދި ތަރިއްދުއެވެ. ނާލަކަ 3 ވިކެޓް، ޕަންދުކައާއި ސަވިންދަ 2 ވިކެޓް ނެގިއެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަސްކަރުއެވެ.

މީގެއިތުރުން ފައިނަލްގެ ފަހު ޖާގަ މާލޭ ސްޕޯޓްސް ކުލަބުން ހޯދީ ސެމީގެ ދެވަނަ މެޗުގައި މިލާންގެ މައްޗަށް 4 ވިކެޓުން ކުރިހޯދައިގެންނެވެ.

ދެވަނަ ސެމީފައިނަލްގައި ފުރަތަމަ މިލާން ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 126 ލަނޑުއެވެ. އެންމެ ރަނގަޅަށް ކުޅުނީ 46 ލަނޑު ހެދި އަޒިޔާން އާއި 19 ލަނޑު ހެދި އިސްމާއިލް ނަޒުވާންގެ އިތުރުން 14 ލަނޑު ހެދި ލީމް ޝަފީގެވެ.

އިސްމާއިލް ނިހާދާއި ފާއިޒް ކޮންމެ އުކުންތެރިއެއް ދެވިކެޓް ނެގިއެވެ. ޖަވާބުގައި މާލޭ ސްޕޯރޓްސް ކްލަބް ކުޅެންއަރާ 19 ވަނަ އޯވަރުގައި 6 ކުޅުންތެރިން ނުބައިވެގެން 127 ލަނޑުހަދާ މެޗް ކާމިޔާބުކުރިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 76 ލަނޑު ހެދި ފާއިޒު އެވެ. މީގެއިތުރުން ހަސަން އިބްރާހިމް އާއި އަލީ އިމްއާން ކޮންމެ އުކުންތެރިއެއް ދެވިކެޓް ނެގިއެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފާއިޒްއެވެ.

ދެން ކުޅުން އޮންނާނީ 21 ޖަނަވަރީގައެވެ. ފުރަތަމަ މެޗް އައިޒީއާއި ނިއުސްޓާރ އަދި ދެވަނަމެޗް އޮފް އެފްސީއާއި ކޮމެޓްސްއެވެ. ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.