އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ބޭނުމަށް ކާނިވާ ސަރަހައްދުން ޖާގައެއްދިނުމަށް މާލެ ސިޓީ ކައުންސިލުން އެއްބަސްވެއްޖެއެވެ.

އަރަބިއްޔާ ކުރިން ހިންގި އިމާރާތުގެ ހާލަތު ގޯސްވެ، ކުދިންނަށް ނުރައްކާވުމާއި ގުޅިގެން ސަރުކާރުން އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތަށް ވަނީ ބަދަލުކޮށްފައެވެ.

އަރަބިއްޔާގެ ދަރިވަރުން މިއަދު އެ އިމާރާތުގައި ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވާއިރު، އެ އިމާރާތަކީ ދުއްވާ އެއްޗެހި ގިނަ ސަރަހައްދަކަށް ވެފައި، ދަރިވަރުންނާއި ވަދެ ނިކުތުމަށް ފަސޭހަކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެއިމާރާތާއި ކާނިވާ ސަރަހައްދުގައި އޮތް ކުޑަ ޕާކިންޒޯނާއި ދެމެދު ފެންސް ޖަހާފައިވާ ހުސްބިންކޮޅު ވަގުތީގޮތުން އެ ސްކޫލުގެ ބޭނުމަށް ދޫކޮށްދިނުމަށް ސިޓީ ކައުންސިލްގައި އެދިފައެވެ.

އެޑިއުކޭޝަނުން ބުނީ، ކޮންމެ ދަންފަޅިއެއްގައި 400 އެއްހާ ދަރިވަރުން ވަދެ ނުކުމެ ހަދާ ކަމަށާއި، ދަރިވަރުން ގޮވައިގެން އަދި ބަލާ އައިސް ބެލެނިވެރިން މަޑުކޮށްލުމަށް އަދި، ދަރިވަރުންގެ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބިންކޮޅެއް ބޭނުންވާ ކަމަށެވެ.

އެކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ، މިނިސްޓްރީން އެދިފައިވާ ބިމަކީ ސިޓީ ކައުންސިލާއި އެހްނ ފަރާތަކާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހަވާލު ކުރެވިފައިވާ ބައެއް ހިމެނޭ ބިމެއް ކަމަށެވެ.

ނަމަވެސް، މިހާރުވެސް ސައިކަލް ޕާކް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު އަރަބިއްޔާ ސްކޫލުގެ ބޭނުމަށް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ގޮތަށް ބޭނުންކުރުމަށް ދެވިދާނެ ކަމަށާއި، އެ ޖާގައިގައި ބެލެނިވެރިން މަޑުކޮށް، ސައިކަލް ޕާކްކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އަދި، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ޖާގަ ހުސްކޮށްދިނުމުގެ މަސައްކަތްކޮށް ނިންމާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.