ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި މުއްދަތަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭ އިނާޔަތް އެމަނިކުފާނަށް ޖަމާކޮށްދީފިއެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒްކުރުމަށް ޖަލުގައި ހުންނެވި މުއްދަތާއި ހަމައަށް ލިބެންޖެހޭ އިނާޔަތް ހޯދުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެދިފައެވެ.

ރައީސް ޔާމީން ޖަލަށް ލާން ހުކުމްކުރި މުއްދަތުން ފެށިގެން، ސުޕްރީމްކޯޓުން ހުކުމް ބާތިލްކުރުމާއި ހަމައަށް ކަނޑައަޅާފައިވާ އިނާޔަތްތައް މިހާރު ޖަމާކޮށްދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލަމާން ވަހީދު މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނަށް ޖަމާކޮށްދީފައިވަނީ 2.4 މިލިއަން ރުފިޔާއެވެ.

ރައީސް ޔާމީން ބަންދުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ ހުރިހާ އިނާޔަތްތަކެއް އެމަނިކުފާނަށް ފިނޭންސުން ޖަމާ ކޮށްދީފައި މިވަނީ އެ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ފޮނުވި ސިޓީ ދިރާސާ ކުރުމަށްފަހުއެވެ.

ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން ރައީސްކަން ކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދޭން ޖެހޭނެއެވެ. ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. އަދި އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު ދައުލަތުގެ ބަޖެޓުން 175،000ރ. ދޭން ޖެހެއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން ނަމަ އެމަނިކުފާނު ޖަލުގައި ހުންނެވި މުއްދަތަށް ގާތްގަނޑަކަށް 6.6 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވަން ޖެހެއެވެ.

ރައީސް ޔާމީނަށް ދައުލަތުން ދެމުން އައި އިނާޔަތްތައް ދިނުން މެދުކަނޑައިލީ އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވުމާއި ގުޅިގެން 2019 ވަނަ އަހަރުއެވެ.