• މާލޭގެ އިތުރުން އަތޮޅުތެރެއާއި، ރިސޯޓްތަކުގެ އަދަދުތައްވެސް މައްޗަށް

ރާއްޖެއިން ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1200 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 5،061 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓީވްވީ 1209 ސާމްޕަލް ކަމަށެވެ.

އަލަށް ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 575 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 408 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 155 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ. އަދި 4ހަކު ނިސްބަތްވަނީ ކަނޑުމަތީގެ އުޅަނދުތަކަށެވެ.

އަލަށް ޕޮޒިޓިވްވި 1209 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 103،581 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 111 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 97،328 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 5،975 ގައެވެ. މީގެތެރެއިން 26 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް 26 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.