ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވާތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދިފައިވާ ކަމަށް ޗިލްޑްރެން އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފިއެވެ.
ކުޑަކުދިންގެ ހިޔާގެ މަސްއޫލުވެރި މުވައްޒަފުން ޖަވާބުދާރީ ކުރެވޭނެހެން ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އެމައްސަލަ ފުލުހަށް ހުށަހަޅައިފައިވާނެ ކަމަށް ޗިލްޑްރެން އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ ހަތަރުވަނަ ދުވަހު ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާ އާއި ޖޫން ހަވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ މައްސަލަ އެ އޮފީހުން ތަހުގީގުކޮށްފައިވާ ކަމަށެވެ.
ތަހުގީގަށް ފާހަގަވި ކަންކަމުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ބައިތިއްބާ އޯލްޓަނޭޓިވް ކެއާ ފެސިލިޓީތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތަކާއި ނިޒާމް ގާއިމްކޮށްފައި ނެތްކަން ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އެކަމާގުޅިގެން އެކަން ހައްލުނުކޮށް އެތަނުގައި ކުދިން ބޭއްތިއްބުން އެކަށީގެން ނުވާކަމަށް އެ އޮފީހުން އެންގި ނަމަވެސް އެކަމަށް ކުޑަކުދިންގެ ހިޔާއިން އިޖާބަދީފައި ނުވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެެވެ.
ކުޑަކުދިން ބައިތިއްބާ ތަނެއް ރައްކާތެރިކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމެއްނެތި އެކުދިން ހިޔާގައި ބޭތިއްބުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ބަޔާންކުރާ ކުއްޖަކާމެދު އިހުމާލުވުމުގެ ކުށް ކަމުގައި ޤަބޫލުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެ ދެ ހާދިސާގެ ތެރެއިން އެއް ހާދިސާގައި ރޯވެފައިވަނީ ކުދިން ނިދަމުން އައި ކޮޓަރިއެއްގައެވެ. އޭގެ ފަހުން އެތަނުގައި ހުރި ގުދަނެއްފައިވެސް ވަނީ ރޯވެ ވަރަށް ބޮޑަށް ތަނަށް ގެއްލުން ވެފައެވެ.
ހިޔާގައި ރޯވާ މައްސަލަތަކުގައި އެ މަރުކަޒުން ބުނަމުން އައީ އެ ހާދިސާތައް ހިނގަނީ ކުދިންގެ އަތުން ކަމަށެވެ.
އަދި އެތަނުގައި އަލިފާން ނިއްވާނެ އާލާތްތައް ހުންނާނެ ކަމަށްވެސް ކުރިން ވަނީ ބުނެފައެވެ. އެތަނުގައި ކުދިން ފުރާޅުމައްޗަށް އަރައި، ތަނުން ކުދިން ފިލާ މައްސަލަތައްވެސް އޮތީ ބޮޑުވެފައެވެ.