ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން، ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ކޮންޓެކްޓްވާ މުވައްޒަފުން، ގޭގައި މަސައްކަތް ކުރާ ގޮތަށް ސިވިލް ސާރވިސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅިގެން ސީއެސްސީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ގޭގޭއި ތިބެގެން ސީއެސްސީގެ މުވައްޒަފުން މަސައްކަތް ކުރެވޭގޮތަށް ހަމަޖެއްސީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި އެކެެހެރިވާންޖެހޭ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އަންގާފައިވާތީ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ސަރކިއުލަރގައި ވާގޮތުން ކޮވިޑަށް ޕޮޒިޓިވްވެ ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ކޮވިޑް-19 ސާމްޕަލް ނަގާ ތާރީހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރެވޭނެއެވެ.

އަދި ބަލީގެ އަލާމާތެއް ހުރިނަމަ، އެކަހެރި ކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއްނެތި މަދުވެގެން 24 ގަޑިއިރު ހަމަވުމުން ކަމަށާއި ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ޕޮޒިޓިވް މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަކަށް ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އެމީހަކު ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާ ތާރީހުން ފެށިގެން 5 ދުވަސް ފުރިހަމަވުމުން ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށްވެސް ސަރކިއުލާގައި ބުނެފައިިވެއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި އުސޫލުގައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ސާމްޕަލް ނަގާތާ ހަތްދުވަސް ވަންދެން ކަރަންޓީނުވާން ޖެހޭނެއެވެ. އަދި ބަލީގެ އަލާމާތެއް ހުރިނަމަ، އެކަހެރިކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއްނެތި މަދުވެގެން 24 ގަޑިއިރުވުމުންނެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓްވާ މީހުންގެ ތެރެއިން ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ މީހުން ކަރަންޓީނުވާން ޖެހޭނީ 10 ދުވަހުގެ މުއްދަތަށެވެ. އެހެން ނަމަވެސް ވެކްސިން ފުރިހަމަނުކުރާނަމަ 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެއެވެ.

މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 1209 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 103،582 އަށް އަރާފައެވެ.