ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު އެކުލަވާލުމުގެ މަސައްކަތް މިހާރުން ފެށިގެން މިދަނީ ކުރަމުންކަމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗް، ފްރެންސެސްކޯ މޮރިއެރޯ ބުނެފިއެވެ.

އިޓަލީގެ މީޑިއާއެއް ކަމުގައިވާ ފުޓްބޯލަ ނިއުސް 24 އަށްދިން އިންޓަވިއު އެއްގައި ވާހަކަދައްކަމުން މޮރިއެރޯ ބުނީ، މިހާރު މައިގަނޑު ގޮތެއްގައި ގައުމީ ޓީމު އެކުލަވާލަން ކުރާ މަސައްކަތަކީ އައު ހުނަރުވެރިން ހޯދުމާއި، ކުލަބުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން މުސްތަގްބަލުގައި ބޭނުންކުރެވޭނެ ކުޅުންތެރިން ވަރުގަދަކުރުން ކަމަށެވެ.

އަދި ޓީމާއި ހަވާލުވިއިރު ބޯމަތީގައި މުބާރާތެއް އޮތްއިރު އެ މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާ ނުނެރެވުންކަން މޮރިއެރޯ ފާހަގަކުރިއެވެ. މޮރިއެރޯ މިވާހަކައިން އިޝާރާތް ކޮށްފައިވަނީ ހުސްވި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕަށެވެ. އެ މުބާރާތުން ރާއްޖެ ކެޓީ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުހޯދިއެވެ.

މޮރިއެރޯ ބުނީ ފޯނޭޝަންސް ކަޕަށް ތައްޔާރުވުމަށް ލިބުނީ މަދު ދުވަސްކޮޅެއް ކަމަށާއި ދެ ހަފްތާ ތެރޭގައި ވެވުނު ވަރަކަށް އެ މުބާރާތަށް ތައްޔާރުވިކަމަށެވެ. އެހެންނަމަވެސް އެމުއްދަތަކީ ނަތީޖާ ނެރެން ދަތި ވަގުތުކޮޅެއް ކަމަށާއި، ޓީމުގެ ފަރާތުން ލިބުނު އެއްބާރުލުމާއި، ކުރި މަސައްކަތަކީ އުންމީދުތަކެއް ކުރުވި ކަމެއް ކަމަށެވެ.

އަދި މިހާރުވެސް ގައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް މޮރިއެރޯ ބުނީ، މައިގަނޑު ގޮތެއްގައި ޓީމު އެކުލަވާލުމަށް މިހާރު ބަލަނީ، ޕްރެޒިޑެންޓްސް ކަޕުގައި ޓީމުތަކުން ކުޅޭ މެޗުތައް ކަމަށެވެ. އަދި ޕްރެޒިޑެންޓްސް ކަޕުގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ދެނެގަނެ، ކުރަންވީ ކަންކަން ދެނެގަތުމަށް ބޮޑު އެހީއަކަށްވިކަމަށް މޮރިއެރޯ ބުންޏެވެ.

މޮރިއެރޯ އިތުރަށް ބުނީ، ރާއްޖޭގެ ކުޅުންތެރިންނަކީ މީހުން ހީކުރާވަރަށްވުރެ ހުނަރުވެރި، ކޮލިޓީ ކުޅުންތެރިންތަކެއް ކަމަށެވެ. އެހެންނަމަވެސް އަދި ރާއްޖޭގެ ހާލަތު އޮތްގޮތުން ދިރިއުޅުމަށް ފުޓުބޯޅައިގެ އިތުރުން، އާމްދަނީ ހޯދުމަށް އެހެން މަސައްކަތްތައްވެސް ކުޅުންތެރިން ކުރަންޖެހުން އެއީ، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުމަށް އޮތް ހުރަހެއްކަން މޮރިއެރޯ ހާމަކުރިއެވެ. އަދި މިފަދަ ކަންކަން ބަދަލުކޮށް، ފިޒިކަލީވެސް ކުޅުންތެރިން ވަރުގަދަކޮށްގެން ނޫނީ ބައިނަލްއަގްވާމީ ފެންވަރުގައި ނަތީޖާ ނެރުމަށް އުނދަގޫވާނެކަމަށް މޮރިއެރޯ ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގައުމީ ޓީމުގެ ކޯޗުގެ މަގާމާ މޮރިއޭރޯ ހަވާލުވިއިރު، އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅުން ފުރަތަމަ މުބާރާތަކީ ސްރީ ލަންކާގައި ނޮވެމްބަރު މަހު ބޭއްވި މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) އެވެ. އެކަމަކު އެ މުބާރާތުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓިއިރު، އެ މުބާރާތުގައި ރާއްޖެ އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

މޮރިއޭރޯގެ އެދުމާ އެއްގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިދިޔަ ޑިސެމްބަރު މަހު ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ޕޯޗުގަލުގެ ކޯޗު ސިމާއޯ ކޮސްޓާ ހަމަޖައްސައިފައެވެ. މޮރިއޭރޯ އާއި ސިމާއޯ އަންނަނީ ޕްރެޒިޑެންޓްސް ކަޕުގެ މެޗުތައް ބެލުމުގެ އިތުުރުން މެޗުތަކުގައި ރަނގަޅަށް ކުޅޭ ކުޅުންތެރިންގެ މައުލޫމާތު އެއްކުރަމުންނެވެ. ގައުމީ ޓީމާއެކު މޮރިއޭރޯ އެއްބަސްވުން ހަދާފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.