ވިސާގެ މައްސަލައިގައި ނާކާމިޔާބީއާ ކުރިމަތިވެ އޮސްޓްރޭލިއާ އިން ޑީޕޯޓުކޮށްލުމުން، ދުނިޔޭގެ އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސާބިއާގެ ނޮވާކް ޖޮކޮވިޗް ސާބިއާ އަށް އެނބުރި އައިސްފިއެވެ.

އޮސްޓްރޭލިއަން އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން ޖޮކޮވިޗްގެ ވިސާގެ މައްސަލަ ބޮޑުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިން ފުރިހަމަ ނުކުރާ ކުޅުންތެރިންނަށް މިފަހަރުގެ މުބާރާތުން ފުރުސަތު ނުދޭން ނިންމުމުންނެވެ.

ޖޮކޮވިޗްގެ ވިސާ އެންމެފުރަތަމަ ކެންސަލްކުރީ، އޭނާ ކޮވިޑް ވެކްސިން ޖެހިކަމުގެ މައުލޫމާތު ދީފައިނުވާތީ އެވެ.

މިއާއެކު ކޯޓަށް މައްސަލަ ހުށަހަޅައިގެން މުބާރާތުގައި ކުޅުމަށް ޖޮކޮވިޗް މަސައްކަތް ކުރިއިރު، ކޯޓުން ޖޮކޮވިޗަށް މައްސަލަ ކާމިޔާބުވީ ވެކްސިން މައުލޫމާތު ދީފައިނުވި ނަަމަވެސް ޖޮކޮވިޗަށް މިދިޔަ މަހު 16 ވަނަ ދުވަހު ކޮވިޑް ޖެހިފައިވާތީ، މެޑިކަލް އެގްޒެމްޕްޝަންގެ ތެރެއިން އޭނާއަށް ވިސާ ލިބޭތީއެވެ.

އެހެންނަމަވެސް ވިސާ ފޯމުގައި ހިމެނޭ ބައެއް މައުލޫމާތު ދިމާނުވާތީ އޮސްޓްރޭލިއާގެ އިމިގްރޭޝަނުން އަނެއްކާވެސް ވަނީ އޭނާގެ ވިސާ ކެންސަލްކޮށް ޑީޕޯޓްކުރަން ނިންމާފަ އެވެ. މި މައްސަލައަށް ވެސް އެޕީލްކުރަން ޖޮކޮވިޗް ނިންމައި ކޯޓަށް ހުށަހެޅި އެވެ. މިފަހަރު ކޯޓުން މައްސަލަ ނިންމާފައިވަނީ އޮސްޓްރޭލިއާގެ އިމިގްރޭޝަނާ އެއްކޮޅަށެވެ. އެހެންކަމުން ޖޮކޮވިޗަށް ޖެހުނީ އޮސްޓްރޭލިއަން އޯޕަންގައި ވާދަނުކުރެވި އެގައުމުން ބޭރުވާށެވެ.

އޮސްޓްރޭލިއާ އިން ޖޮކޮވިޗް ޑީޕޯޓްކޮށްފައިވަނީ ކުރިއަށް އޮތް 3 އަހަރު އެގައުމަށް އެތެރެ ނުވެވޭނެހެންނެވެ. އެހެންނަމަވެސް އަންނައަހަރު ބާއްވާ އޮސްޓްރޭލިއަން އޯޕަން މުބާރާތުގައި ޖޮކޮވިޗަށް ކުޅުމުގެ ފުރުސަތު ލިބިދާނެކަމުގެ އިޝާދާރެއް، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ދެއްވާފައެވެ.

މުބާރާތުގެ ކޮލިފައިން ބުރުގެ މެޗުތައް ނިމި، ފުރަތަމަ ބުރުގެ މެޗުތައް މިހާރު ފަށާފައިވާއިރު މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންސްގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ޖޮކޮވިޗްވެސް ހިމަނައިގެންނެވެ.