ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާ އިން ކޮންމެ އަހަރަކުވެސް ހޮވާ، އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ "ފީފާ ދަ ބެސްޓް މެންސް ޕްލެޔަރ އޮފްދި އިޔަރ 2021"ގެ އެވޯޑް، ބަޔާން މިއުނިކާއި ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޮސްކީ ހޯދައިފިއެވެ.

މިއީ މި އެވޯޑު ދޭން ފެށިފަހުން ލެވަންޑޮސްކީ މިއެވޯޑް ހޯދި ދެވަނަ ފަހަރެވެ. 2020 ވަނަ އަހަރުވެސް މި ޝަރަފްވެރި އެވޯޑު ހާސިލްކުރީ ލެވަންޑޮސްކީ އެވެ.

އުމުރުން 33 އަހަރުގެ ތަޖުރިބާކާރު ފޯވާޑް މި އެވޯޑު ހޯދިއިރު 2021 ވަނަ އަހަރު އޭނާ ވަނީ ކުލަބަށާއި ގައުމީ ޓީމަށް ޖުމްލަ 69 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މީގެތެރެއިން 43 ލަނޑަކީ ބުންޑަސްލީގާގައި ބަޔާން އަށް ލެވަންޑޮސްކީ ކާމިޔާބުކުރި ލަނޑުތަކެކެވެ. މިލަނޑުތައް އޭނާ ކާމިޔާބު ކޮށްފައިވަނީ ޖުމްލަ 34 ލީގު މެޗުންނެވެ. މިލަނޑުތަކާއެކު ލެވަންޑޮސްކީ ވަނީ 49 އަހަރު ވަންދެން ގާޑް މުލާ ހިފެހެއްޓި، އެއް އަހަރުތެރޭ ބުންޑަސްލީގާގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރެކޯޑުވެސް މުގުރާލާފައެވެ.

ލެވަންޑޮސްކީ މިއެވޯޑް ކާމިޔާބުކުރީ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހް އާއި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ޕީއެސްޖީ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ފަހަތަށް ޖައްސާލުމަށްފަހުއެވެ.

އަހަރުގެ އެންމެ މޮޅު ކޯޗް- ފޮޓޯ:- ގެޓީ އިމޭޖަސް

ފީފާ އިން ހޮވި 2021 ވަނައަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެލްސީގެ ކޯޗް، ތޯމަސް ޓުޗޭލް އެވެ.

ޓުޗޭލް ވަނީ ފާއިތުވީ ސީޒަނުގައި، ޓީމާއި ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޗެލްސީ އާއިއެކު ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސްލީގު ކާމިޔާބު ކޮށްފައެވެ.

2018 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2020 ވަނަ އަހަރުގެ ފަހުކޮޅާއި ހަމައަށް ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ކޯޗުކަން ކޮށްދިނުމަށްފަހު، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ޗެލްސީގެ ހެޑް ކޯޗުގެ ޒިންމާ އާއި ހަވާލުވި ޓުޗޭލް ވަނީ ޗެލްސީ އަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން "ފީފާ ދަބެސްޓް ވިމެންސް ޕްލެޔަރ އޮފްދަ އިޔަރ 2021" އެވޯޑް ހާސިލްކޮށްފައިވަނީ ބާސެލޯނާގެ ކެޕްޓަން އެލެކްސިއާ ޕުޓެއްޔާސް އެވެ.

އުމުރުން 27 އަހަރުގެ ސްޕެއިން މިޑްފީލްޑަރު ޕުޓެއްޔާސް ވަނީ ހުސްވި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުދިން ބެލަންޑޯ އެވޯޑުވެސް ހާސިލްކޮށްފައެވެ.

ޕުތެއްޔާސްގެ ބޮޑު ހިއްސާއަކާއިއެކު ބާސެލޯނާއިން ވަނީ ޑޮމެސްޓިކް މުބާރާތްތަކުގެ ދެ ތަށްޓާއި ފުރަތަމަ ފަހަރަށް ބޭއްވި ވިމެންސް ޗެމްޕިއަންސް ލީގުގެ ތަށިވެސް ފާއިތުވީ ސީޒަނުގައި އުފުލާލާފައެވެ.

ޕުޓެއްޔާސް މިއެވޯޑް ހާސިލްކޮށްފައިވަނީ އޭނާ އާއި އެއް ޓީމަކަށް ކުޅޭ ޖެންނީ ހާމޯސޯ އާއި ޗެލްސީގެ ސޭމްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޕުޓެއްޔާސް ވަނީ 2021 ވަނަ އަހަރު ޔޫއެފާ ވިމެންސް ޕްލެޔަރ އޮފްދަ އިޔަރގެ އެވޯޑާއި ސްޕެއިންގެ ގައުމީ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ގާޑިއަން އިން ހޮވި އެންމެމޮޅު 100 ކުޅުންތެރިންގެ ލިސްޓުގައިވެސް ހިމެނިފައެވެ.