މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން މަހްލޫފަށް ދިން 33،000 ޑޮލަރު (500،000 އަށް ވުރެ ގިނަަ ރުފިޔާ)ގެ މައްސަލައިގައެވެ.

މިއީ މަގާމުގައި ހުންނެވި ވަޒީރެއްގެ މައްޗަށް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ދައުވާކުރި ފުރަތަމަ ފަހަރެވެ.

މަހްލޫފްގެ މައްޗަށް ކުރާ އެދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ވެސް ގެއްލޭނެއެވެ.

އެ މައްސަލާގައި މަހްލޫފް ކުރިން ސަސްޕެންޑް ކުރިޔަސް، ފަހުން ވަނީ އޭނާގެ ސަސްޕެންޝަން އުވާލައިފަ އެވެ. އޭނާ ވިދާޅުވެފައިވަނީ އެސްއޯއެފްއާ އެކު ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށާއި އެ ކުންފުނިން އޭނާއަށް ދިނީ އެމްއެމްޕީއާރުސީގެ ފައިސާ ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.