ކޮވިޑްގެ ބަލިމަޑު ހާލަތުން އަރައިގަތުމަށް ދުނިޔޭގެ އެންމެނަށް ވެކްސިން ޖެހުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައްވައިފިއެވެ.

ސެކްރެޓަރީ ޖެނެރަލް މިކަމަށް ގޮވާލެއްވީ، ވާޗުއަލްކޮށް ޑާވޯސްގައި މިހާރު ކުރިއަށްދާ ވޯރލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގުޓަރޭސް ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ހަމަ އެކަކުވެސް ބާކީނުކޮށް ދުނިޔޭގެ އެންމެނަށް ވެކްސިން ޖަހަންޖެހޭ ކަމަށާއި، ވެކްސިން ޖެހުމުގައި އެކަކުވެސް ބާކީކޮށްފިނަމަ އެއީ އެންމެން ބާކީކުރުން ކަމަށެވެ.

އެންމެނަށް ވެކްސިން ޖެހުމުގައި ގައުމުތައް ފެއިލްވެއްޖެނަމަ އައު ވޭރިއެންޓުތައް ވުޖޫދުވުމަށް ފުރުސަތު ދެވެނީ ކަމަށާއި، އޭގެ ނަތީޖާއަކަށް ވެގެންދާނީ ސަރަހައްދީ އިންތައް ހުރަސްކޮށް ބަލިފެތުރި، އާންމު ރައްޔިތުންގެ ދިރިއުޅުމާއި ގައުމުތަކުގެ އިގްތިސާދުތައް ހުއްޓުމަކަށް އައުން ކަމަށެވެ.

މި ބަލިމަޑުކަމާ ބައިނަލްއަގްވާމީ މުޖުތަމައު ކުރިމަތިލުމުގައި އަދުލުވެރިކަމާއި ހަމަހަމަކަން އޮންނަންޖެހޭ ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވިއެވެ.

ގުޓަރޭސްގެ ވާހަކަފުޅުގައި، 2021 ވަނަ އަހަރު ނިމެންވާއިރަށް ދުނިޔޭގެ އާބާދީގެ 40 އިންސައްތައަށް އަދި މިހިނގާ 2022 ވަނަ އަހަރުގެ މެދަކާ ހަމައަށް އަންނަން ވާއިރަށް ދުނިޔޭގެ އާބާދީގެ 70 އިންސައްތައަށް ވެކްސިން ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ސިޔާސަތެއް ކަނޑައަޅާފައިވާކަން ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް، އެ އަމާޒުތަކަށް ވާސިލްނުވެވި، ކަންކަން އޮތީ ވަރަށް ދުރުގައި ކަމަށް ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވިއެވެ.

މުއްސަނދި ގައުމުތަކުގައި ވެކްސިން ޖަހާ ރޭޓް އުޅެނީ އެފްރިކާ ބައްރުގެ ގައުމުތަކާ އަޅާ ބަލާއިރު ހަތްގުނަ މަތީގައި ކަމަށާއި، މިއީ ލަދުވެތި ކަމެއް ކަމަށް ގުޓަރޭސް ވިދާޅުވިއެވެ. ވެކްސިން ޖެހުމުގައި ހަމަހަމަކަން ގާއިމްކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.