2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ގިނައިން މުދާ އިމްޕޯޓްކުރީ ޔޫ.އޭ.އީ އިން ކަން މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަގުގެ ގޮތުން އެންމެ ގިނައިން މުދާ އެތެރެކުރި ފަސް ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޔޫ.އޭ.އީ. ޗައިނާ، އިންޑިއާ، އޮމާން އަދި ސިންގަޕޯއެވެ. އެގޮތުން ޑިސެމްބަރު މަހު އެތެރެކުރި މުދަލުގެ 16 އިންސައްތަ އެތެރެ ކޮށްފައިވަނީ ޔޫ.އޭ.އީ އިންނެވެ.

އަގުގެ ގޮތުން މުދާ އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވާ ފަސް ގައުމަކީ ތައިލޭންޑް، ޖަރުމަނުވިލާތް، މޮރިޝަސް، އިނގިރޭސި ވިލާތް އަދި ޖަޕާނެވެ. އެގޮތުން، އެކްސްޕޯޓްކުރި މުދަލުގެ 37 އިންސައްތަ ކޮށްފައިވަނީ ތައިލޭންޑަށެވެ.

ޔޫ.އޭ.އީ އިން 713 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާއިން 575 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި، އިންޑިއާއިން 504 ރުފިޔާގެ މުދާ އަދި އޮމާން އިން 487 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައިވެއެވެ.

މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކޮށްގެން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، ނިމިދިޔަ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 364 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ކަސްޓަމްސްއިން ބުނީ މިއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ބަލާއިރު 23 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މީގެއިތުރުން، މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 2.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެއަދަދު 4.5 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ވޭތުވި އަހަރުގެ ޑިސެމްބަރު މަހު ރޯޔަލްޓީގެ ގޮތުގައި ލިބިފައިވަނީ 10،800،901.38 ރުފިޔާއެވެ.