އެސެޓް ރިކަވަރީ ކޮމިޝަން މިހާރުން މިހާރަށް އުވާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ ގޮތުން، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމާއި، ދައުލަތުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފެއްދެވީ 17 ނޮވެންބަރު 2018 ގައެވެ.
މި ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ޔާސިރު ވަނީ އެސެޓް ރިކަވަރީ ކޮމިޝަން މިހާރުން މިހާރަށް އުވާލުމަށް އެދިވަޑައިގެންފައެވެ.
ޔާސިރު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީއަށް ރައްޔިތުން ވޯޓުދިނީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކަމަށާއި އަދި މިހާރު ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް މަދުކުރެވިއްޖެ ކަމަށެވެ.
މެމްބަރު ޔާސިރު ވިދާޅުވީ ވައްކަމުގެ ވާހަކަ ދައްކަން ކެރޭ މީހުން މިހާރު ގިނަވެއްޖެ ކަމަށާއި އަދި ވިސިލްބްލޯ ކުރާނެ އެކްޓެއްވެސް ވަނީ ފާސްކޮށްފައި ކަމަށެވެ.
މެމްބަރު ވަނީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ މަސައްކަތްތަކާއި ދޭތެރޭގަ ހިތްހަމަނުޖެހޭކަން ފާހަގަ ކުރައްވާފައެވެ.
އަދި ތިން އަހަރު ފާއިތުވެގެންދިޔައިރު ކޮމިޝަންތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ބާރުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ކުރިއަށް މިއޮތް ދެއަހަރު ދުވަހުގެ ތެރޭގައި ކޮމިޝަންގެ މަސައްކަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ކޮމިޝަންތަކަށް ފުރުސަތު ދިނުމަށް ފަހު ކޮމިޝަންތަކާ ދޭތެރޭ ގޮތެއް ނިއްމަންޖެހޭ ކަމަށް މެމްބަރު ޔާސިރު ވިދާޅުވިއެވެ.
މެމްބަރުގެ ފާޑުކިޔުން ކޮމިޝަނަށް އަމާޒުވިއިރު އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މި ކޮމިޝަނަކީ، ކޮމިޝަނުން ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.