ދިވެހި ތާޜީޚުގައިވެސް ހިންގި އެންމެ ބޮޑު ޚިޔާނާތް 'އެމްއެމްޕީއާރުސީގެ ހިޔާނާތު'ގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހުލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކުރި ޝަރީއަތް ނުބޭއްވިއެވެ.

މިއަދު ހެނދުނު 11:00 އަށް ތާވަލަުކުރި މި ޝަރީއަތް ކެންސަލްކުރަން ޖެހުނީ އިދާރީ ގޮތުން ނިންމަންޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

މަހުލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ.

ޕީޖީ އޮފީހުން މަހުލޫފަށް ދައުވާއުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

މަހްލޫފަށް ދައުވާކުރަން ފޮނުވުމަށްފަހު އޭސީސީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ.

ބިލް ފާސްކުރަން ވޯޓު ދެއްވުމަށްޓަކައި މަހުލޫފް މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވީ މެލޭޝިޔާގައި ހުންނެވުމަށްފަހު ސީދާ ވޯޓަށް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ބިލް ފާސްކުރަން މަހުލޫފް ވޯޓު ދީފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެކަމަކު މަހުލޫފް ވަނީ ވަރަށް ބޮޑަށް އޭސީސީއަށް ފާޑުވިދާޅުވެ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.