ކޮވިޑް ބަލީގައި މިއަދު ރާއްޖެއިން ހަތަރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއަދު ކޮވިޑް ބަލީގައި މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހަކާއި، ލާމު ކޮވިޑް މެނޭޖްމެންޓަ ފެސިލީޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހުންގެ އިތުރުން އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.

އެގޮތުން، މިއަދު ހެނދުނު 6:04 ގައި ލާމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދިޔަ އުމުރުން 79 އަހަރުގެ ފިރިހެނެއް މަރުވެފައިވާއިރު، 6:16 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 63 އަހަރުގެ އަންހެނަކު ވަނީ މަރުވެފައެވެ.

އަދި، މިއަދު ހެނދުނު 9:00 ގައި އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 76 އަހަރުގެ ފިރިހެނެއް މަރުވެފައިވާއިރު، އެންމެ ފަހުން މަރުވެފައިވަނީ ލާމު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ 84 އަހަރުގެ ފިރިހެނެކެވެ. އެއީ މިއަދު މެންދުރު 1:47 ހާއިރުއެވެ. މިއާއެކު ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 269 އަށް އަރާފައެވެ.

މިފަހުން ރާއްޖޭއިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މިހާރުވެސް 43 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 9،574 ގައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް 2،137 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.